އަންނަ މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމު "ޓައިގާ 3" ގެ ޓްރެއިލާ މިއަދު ބެލުންތެރިންނަށް ދޫކޮށްލައިފި އެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް މަނީޝް ޝަރުމާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. އަދި މިއީ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްގެ ބައެކެވެ. ވައިއާރްއެފް ސްޕައި ޔުނިވާސްގެ އެންމެ ފަހުގެ ފިލްމަކީ ޖެނުއަރީގައި ގެނެސްދިން ޝާހްރުކް ޚާންގެ "ޕަތާން" އެވެ. އެގޮތުން "ޓައިގާ 3" ގެ ހާއްސަ ފެނިލުމެއްގައި ޝާހްރުކްގެ އިތުރުން ސްޕައި ޔުނިވާސް އަށް ނިސްބަތްވާ "ވޯ" ގެ ބަތަލު ރިތިކް ރޯޝަން ވެސް ހިމެނޭނެ އެވެ.
އަންނަ މަހުގެ 12 ގައި ގެނެސްދޭ "ޓައިގާ 3" ގެ ވިލަންގެ ރޯލު އިމްރާން ހާޝިމީ ކުޅެފައިވާ އިރު، މީގެ އިތުރު ކާސްޓުންގެ ތެރޭގައި ރިވަތީ، ރިދީ ޑޮގްރާ، ކުމުދު މިޝްރާ އަދި ރަންވީރް ޝޯރޭ ހިމެނެ އެވެ.
"ޓައިގާ" ފްރެންޗައިޒްގެ ކުރީގެ ދެ ފިލްމަކީ 2017 ގައި ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ގެނެސްދިން "ޓައިގާ ޒިންދާ ހޭ" އާއި 2012 ގައި ޑައިރެކްޓަރު ކަބީރް ޚާން ގެނެސްދިން "އޭކް ތަ ޓައިގާ" އެވެ. މި ދެ ފިލްމަކީ ވެސް ވަރަށް ކާމިޔާބު ދެ ފިލްމެވެ.
އެހެންވެ "ޓައިގާ 3" އަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ހިނގާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. މި ފިލްމު ހަދާފައި ވަނީ 300 ކްރޯޑް (36 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެެ.