ގްރޭޓާ މާލެ ސަރަހައްދުގައި ދަތުރުކުރާ އެމްޓީސީސީ ފެރީ ހިދުމަތަކަށް ކާޑުން ފައިސާ ދެއްކޭގޮތް ހަދައިފިއެވެ.
އެމްޓީސީސީން މިއަދު ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ގްރޭޓާ މާލެ އާއްމު ފެރީ ދަތުރުފަތުރުގެ ހިދުމަތް ތަރައްގީކޮށް ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން 16 އޮކްޓޯބަރުން ފެށިގެން މާލެ-ވިލިމާލެ، މާލެ-ތިލަފުށި، މާލެ-ގުޅީފަޅު، އަދި މާލެ-ހުޅުމާލެ ފެރީ ހިދުމަތުގެ ޓިކެޓިން ނިޒާމު އާރްޓީއެލް ޓްރެވެލް އެޕް އަދި ވެބްސައިޓް ޕްލެޓްފޯމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ފެރީ ނިޒާމަށް 3 ޒަރީއާއަކުން ފައިސާދެއްކޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. އެއީ، އާރްޓީއެލް މޯބައިލް އެޕް ނުވަތަ ޕެބްސައިޓް މެދުވެރިކޮށް ކިޔު.އާރް ޓިކެޓް ބައްލަވައިގަނެގެންނާއި، ގްރޭޓާ މާލެ ފެރީ ޓަރމިނަލްތަކުގެ ޓިކެޓް ކައުންޓަރުތަކުން ކަރުދާސް ކިޔު.އާރް ޓިކެޓް ބައްލަވައިގަނާއި، ބީއެމްއެލް އަދި އެހެނިހެން ބޭންކުތަކުން ދޫކޮށްފައިވާ ކޮންޓެކްޓްލެސް އަދި ކްރެޑިޓް މާސްޓަރ ނުވަތަ ވިސާ ކާޑު ޓާމިނަލްގައި ހަރުކޮށްފައިވާ ވެލިޑޭޓަރުގައި ޓެޕް ކޮށްގެންނެވެ.
އެމްޓީސީސީން ބުނެފައިވަނީ ކިޔުއާރް ޓިކެޓް ބައްލަވައިގަންނަވާނެ ގޮތުގެ ވީޑިއޯ އާރްޓީއެލް ޔޫޓިއުބް ޗެނަލުންނާއި މީސް މީޑިއާތަކުގެ މަންސަތަކުގައި ޝާއިއުކޮށްފައި ހުންނާނެ ކަމަށެވެ.
ޓިކެޓިން ނިޒާމު ބަދަލުވިނަމަވެސް، 65 އަހަރުން މަތީގެ މީހުންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީކާޑް ދެއްކެވުމުން ހިލޭ ހިދުމަތް ލިބޭނެކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުންވެސް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފައިވެއެވެ. ޔުނިފޯމްގައި ތިބޭ ސްކޫލް، ކޮލިޖް އަދި ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންނަށްވެސް ސްޓޫޑަންޓް ކާޑު ދެއްކުމުން ފެރީގައި ހިލޭ ދަތުރުކުރެވޭނެއެވެ.
މީގެއިތުރުން އެމްޓީސީސީން ބުނެފައިވަނީ ކަސްޓަމަރުންނަށް މިހާރު ދޫކޮށްފައިވާ ދަތުރު ކާޑުތައް ބޭނުންކޮށްގެން 30 ޑިސެމްބަރުގެ ނިޔަލަށް ދަތުރުކުރެވޭނެކަމަށެވެ. ނަމަވެސް ދަތުރުކާޑު ޓޮޕްއަޕް ކުރުމުގެ ހިދުމަތް 1 ޑިސެމްބަރުއިން ފެށިގެން ހުއްޓާލާނެކަމަށވެެ. އަދި 31 ޑިސެމްބަރުގެ ފަށުން ދަތުރުކާޑުގައި ބާކީ ފައިސާ ހުރިނަމަ 2024 ޖެނުއަރީ 31 ގެ ކުރިން ރީފަންޑަށް އެދި ހުށަހެޅުމުން ރީފަންޑް ލިބިގެންދާނެ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދީފައިވެއެވެ.