Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

ދަފުތަރު މީހުންނަށް ދާއިރާތައް ކަނޑައަޅަން ގޮވާލައިފި

މެންބަރު އަލީ ހުސައިން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެގެ ދަފްތަރުގައި ތިބި ރައްޔިތުންނަށް ހާއްސަކޮށް ރައްޔިތުންގެ މަޖިލީހުގައި ދާއިރާތައް ކަނޑައެޅުމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަަދަދު ލިމިޓް ކުރުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

އެބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރުމުގެ ހައްގު ލިބިފައިވާއިރު އޭގެތެރެއިން އިސްތިސްނާވާ ބަޔަކު އުޅޭކަމަށެވެ. އެގޮތުން އަލީ ހުސައިން ފާހަގަކުރެއްވީ މާލޭގެ ދަފްތަރުގައި ތިބި 15،000 އެއްހާ ރައްޔިތުންގެ ވާހަކައެވެ.

އަލީ ހުސައިން ވިދާޅުވީ މާލޭގެ ދަފްތަރުގައި ތިބި ރައްޔިތުންގެ ހައްޤުގައި މަޖިލީހުގައި ވެސް އެއްވެސް ވާހަކައެއް ނުދެކެވޭ ކަމަށާއި އެމީހުންގެ ހައްޤުގައި މަޖިލީހުގައި ވަކާލާތު ނުކުރެވޭ ކަމަށެވެ.

ކޮންމެ އިންތިހާބެއްގައިވެސް ދަފްތަރުގެ ރައްޔިތުން މާލޭގެ އެކި ދާއިރާތަކަށް ބަހާލަނީކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބިން ދޫކުރާއިރުވެސް ދަފްތަރުގެ ރައްޔިތުންނަށް އެކަމަށްވެސް ކުރިމަތި ނުލެވި މަހުރޫމްވާ ކަމަށެވެ.

ދަފްތަރުގައި ހިމެނޭ ރައްޔިތުންނަށް ވަކި ދާއިރާތަކެއް ހަމަޖެހިފައި ހުންނަންޖެހޭކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ އެބާރަކީ އިލެކްޝަންސް ކޮމިޝަނަށް ލިބިދީފައިވާ ބާރެއް ކަމަށެވެ.

މެންބަރުންގެ އަަދަދު ލިމިޓް ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް މިއަުދ ކުރިއަށް ގެންގޮސްފައިވާއިރު، ޤާނޫނުއަސާސީގައި މިހާރު އޮތްގޮތުން ކޮންމެ 5000 މީހުންގެ އާބާދީއަކަށް މަޖިލިސް މެންބަރަކު ހުންނަންޖެހެއެވެ. އެހެން އޮތުމުން ކޮންމެ މަޖިލިސް އިންތިހާބަކަށް އަންނައިރު މެންބަރުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެންމެފަހުން ހާމަކުރިގޮތުގައި އަންނަ މަޖިލިސް އިންތިހާބަށް އިދާރީ 93 ދާއިރާ އަކަށް މެމްބަރުން އިންތިހާބު ކުރަންޖެހެއެވެ. މިހާރު މަޖިލީހުގައި ތިބެނީ 87 މެންބަރުންނެވެ.