އަންނަ މަހު ރިލީޒްކުރާ ގޮތަށް އޮތް ކަންގަނާ ރަނާވަތުގެ ފިލްމު "އިމަޖެންސީ" އަންނަ އަހަރަށް ފަސްކޮށްފި އެވެ.
މިކަން މިއަދު ސޯޝަލް މީޑިއާގައި ހިއްސާކޮށް ހުނަރުވެރި ބަތަލާ ބުނީ އަންނަ މަހުގެ 24 ގައި ބެލުންތެރިންނަށް ދޫކޮށްލާ ގޮތަށް އޮތް ފިލްމު މި އަހަރު ނުގެނެސްދޭން ނިންމި ސަބަބަކީ ފުލުފުލުގައި އޭނަގެ ފިލްމުތަކެއް އަންނަ ގޮތަށް ހުރުމުން ކަމަށެވެ. މިދިޔަ މަހު ރިލިޒްކުރި "ޗަންދުރަމުކީ 2" އަށް ފަހު، މި މަހުގެ 27 ގައި ކަންގަނާގެ "ތޭޖާސް" ރިލީޒްކުރަން ހަމަޖެހިފައިވެ އެވެ.
އެހެންވެ "އިމަޖެންސީ" އަންނަ އަހަރަށް ފަސްކުރީ އެވެ. އެކަމަކު ފިލްމު ގެނެސްދޭނެ ވަކި ތާރީހެއް އަދި ނުނިންމަ އެވެ.
"އިމަޖެންސީ" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލު ކަންގަނާ ކުޅެފައިވާ ސިޔާސީ ފިލްމެކެވެ. އޭނަ ޑައިރެކްޓް ވެސް ކުރި ފިލްމަކީ އިންދިރާގެ ޒައާމަތުގައި އިއުލާންކުރި ކުއްލި ހާލަތާ ގުޅިގެން، އިންޑިއާގެ ސިޔާސީ މަސްހަރަށް އެރި ލޮޅުންތައް ދައްކުވައިދޭނެ އެއްޗެކެވެ.
ހަތަރު ނެޝަނަލް އެވޯޑް ހޯދާފައިވާ ބަތަލާގެ އަމިއްލަ ފިލްމު ކުންފުނި، މަނިކަރްނިކާ ފިލްމްސް އިން އުފައްދާފައިވާ "އިމަޖެންސީ" ގެ ކާސްޓްގައި އަނޫޕަމް ކޭރް، މަހީމާ ޗައުދަރީ، މިލިންދު ސޯމަން، ޝްރެޔަސް ތަލްޕަޅޭ އަދި މަރުވެފައިވާ އެކްޓަރު ސަތިޝް ކޯޝިކް ހިމެނެ އެވެ.