ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް އެގައުމުގެ 290 އަށް ވުރެ ގިނަ ސިފައިން މަރުވެފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.
އިޒްރޭލުގެ ޑިފެންސް ފޯސް އިން ބުނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހަމާސް އިން ދެމުންދާ ހަމަލާތަކުގައި އިޒްރޭލުން މިހާތަނަށް 1،400 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އޭގެތެރެއިން 291 މީހުންނަކީ އެގައުމުގެ ސިފައިން ކަމަށް އަސްކަރިއްޔާ އިން ބުނެ އެވެ. އަދި އިޒްރޭލުގެ 199 މީހަކު މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.
ހަމާސް ޖަމާއަތުން ކުއްލި ގޮތަކަށް އިޒްރޭލަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އިޒްރޭލުން މިހާރު ވަނީ އެ ޖަމާއަތާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފަ އެވެ. އެގޮތުން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ވައިގެ ހަމަލާތަކުގައި މިހާތަނަށް ވަނީ 2،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.
ހަމާސް ޖަމާއަތުން މިފަހަރު އިޒްރޭލަށް ދޭން ފެށި ހަމަލާތަކަކީ މިފަހުން އިޒްރޭލާއި ދެކޮޅަށް ދިން އެންމެ ވަރުގަދަ ހަމަލާތަކެވެ. އިޒްރޭލްގެ އެކި ހިސާބުތަކުގައި ހަމާސްގެ ހަނގުރާމަވެރިން ހަމަލާ ދެމުންދާއިރު ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި ގާޒާގެ ތެރެއިން އިޒްރޭލަށް ފޮނުވާލާ މިސައިލްތަކަށް ވެސް ހުއްޓުމެއް ނާދެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އިޒްރޭލުން މިހާރު އަންނަނީ އެއްގަމުން ގާޒާ އަށް އަރައިގަންނަން ވެސް ތައްޔާރުވަމުންނެވެ. އެގޮތުން ގާޒާގެ ސަރަހައްދީ ރޮނގަށް ބަރު ހަތިޔާރާއި ސިފައިން ވަނީ ޖަމާކޮށްފަ އެވެ.