ފަލަސްތީނުގެ ގާޒާގައި ފެނާއި ތެޔޮ މިވަގުތު ހުރީ ކުރިއަށް އޮތް 24 ގަޑިއިރަށް ބޭނުން ކުރެވޭ ވަރަށް ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ އިން މެދުއިރުމައްޗަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު އަހުމަދު އަލް މަންދާރީ ވިދާޅުވީ ގާޒާގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށާއި ގާޒާގައި ފެނާއި ކަރަންޓު އަދި ތެޔޮ މިހާރު ހުރީ ކުރިއަށް އޮތް 24 ގަޑިއިރަށް ވާވަރަށް ކަމަށެވެ. އަދި އިޒްރޭލުގެ ވައިގެ ހަމަލާތަކާ ގުޅިގެން ގާޒާ އަށް އެހީގެ ތަކެތި ހިފައިގެން އަންނަ ފަރާތްތައް ގާޒާގެ ރަފާހް ބޯޑަރުގައި ތާށިވެފައިވާ ކަމަށާއި އެހީ ނުލިބި ލަސްވާނަމަ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހުމުގެ ބިރު އެބައޮތް ކަމަށް ވިދާޅުވި އެވެ.
"އެހީގެ ތަކެތި ނުލިބިއްޖެނަމަ ޑޮކްޓަރުން ދެން ޖެހޭނީ ބަލި މީހުންގެ މަރުގެ ސެޓްފިކެޓްތައް ތައްޔާރުކުރަން،" އަލް މަންދާރީ ވިދާޅުވި އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1،400 އަށް އަރާފަ އެވެ. އަދި އިޒްރޭލުގެ 199 މީހަކު މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.