Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ފަލަސްތީނުގެ 110 ސިއްހީ މަރުކަޒަކަށް ހަމަލާ!

ފަލަސްތީނުގެ 110 ސިއްހީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފައިވާ ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ އިން ބުނީ މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް ފަލަސްތީނުގެ ގާޒާ އަދި ހުޅަނގު އައްސޭރީގެ 110 އަށް ވުރެ ގިނަ ސިއްހީ މަރުކަޒަކަށް އިޒްރޭލުން ހަމަލާދީފައިވާ ކަމަށެވެ. މި ހަމަލާތަކުގައި ގާޒާ އިން 12 ހެލްތު ވޯކަރުން ޝަހީދުވެފައިވާއިރު 27 ހެލްތު ވޯކަރަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު 23 އެމްބިއުލާންސެއް ވަނީ ހަލާކުވެފަ އެވެ. އަދި ހަމަލާތަކާ ގުޅިގެން ހުޅަނގު އައްސޭރިން ހަ ހެލްތު ވޯކަރަކަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މި މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 2،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.

ހަމާސް ޖަމާއަތުން ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1،400 އަށް އަރާފަ އެވެ. އަދި އިޒްރޭލުގެ 199 މީހަކު މިވަގުތު ތިބީ ހަމާސްގެ ބެލުމުގެ ދަށުގަ އެވެ.