Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ބައިޑެން އިޒްރޭލަށް ވަޑައިގަންނަވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑެން އިޒްރޭލަށް ވަޑައިގެންނެވުމަށް ނިންމަވައިފި އެވެ.

ބައިޑެން އިޒްރޭލަށް ވަޑައިގަންނަވާއިރު އިޒްރޭލާއި ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތާއި ދެމެދު އަންނަނީ ހުއްޓުމެއް ނެތި ހަމަލާތައް ބަދަލުކުރަމުންނެވެ.

މިވަގުތު އިޒްރޭލުގައި ހުންނެވި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ ބައިޑެން އިޒްރޭލަށް ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައި ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އުރުދުންގެ ވެރިރަށް އައްމާނަށް ވަޑައިގެން އެގައުމުގެ ރަސްގެފާނާއި މިސްރުގެ ރައީސް އަދި ފަލަސްތީނުގެ ރައީސްއާ އެކު ބައިޑެން ބައްދަލުވުމެއް ބާއްވާނެ ކަމަށް ބްލިންކެން ވިދާޅުވި އެވެ.

ބައިޑެން އިޒްރޭލަށް ކުރައްވާ ދަތުރުފުޅުގައި އިޒްރޭލުން ކުރިއަށްގެންދާ ހަނގުރާމައިގައި އާއްމުންނަށް ގެއްލުންވާ މިންވަރު ކުޑަކުރުމަށް ކަންކަން ރާވާފައިވާ ގޮތާއި އަދި ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނާއި ހަމައަށް އެހީ ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހޯއްދަވާނެ ކަމަށްވެސް ބްލިންކެން ވިދާޅުވި އެވެ.

އެމެރިކާ އަކީ އިޒްރޭލުގެ ގާތް ބައިވެރިއެއް ކަމަށްވާއިރު އެގައުމުން އަންނަނީ އިޒްރޭލަށް ހަނގުރާމައިގެ އާލާތްތައް ފޯރުކޮށްދެމުންނެވެ.

ހަމާސް އާއި އިޒްރޭލާ ދެމެދު މިހާރު ކުރިއަށް ދާ ހަނގުރާމައިގައި އެމެރިކާގެ ރައްޔިތުންތަކެއް ވެސް ވަނީ މަރުވެފަ އެވެ. އެގޮތުން މި ހަނގުރާމައިގައި 30 އަށް ވުރެ ގިނަ އެމެރިކާ ރައްޔިތުން ވަނީ މަރުވެފަ އެވެ.