ޔޫރޯ ކޮލިފައިންގައި ރޭ ބެލްޖިއަމާއި ސްވިޑެން ބައްދަލުކުރި މެޗު ކުޅެމުން ދަނިކޮށް ބެލްޖިއަމްގެ ވެރިރަށް ބްރަސެލްސްގައި ބަޑިޖެހުމުގެ ހާދިސާއެއް ހިނގުމުން މެޗު ހުއްޓާލައިފި އެވެ.
ބަޑިޖެހުމުގެ ހާދިސާގައި ސްވިޑެންގެ ދެ މީހަކު މަރުވެފައިވާއިރު އިތުރު މީހަކަށް ވަނީ އަނިޔާތަކެއް ލިބިފަ އެވެ. މި ހަމަލާދީފައިވަނީ ރައިފަލް އަކުން ކަމަށްވާއިރު އޭނާ ހޯދުމުގެ މަސައްކަތް ބެލްޖިއަމްގެ ފުލުހުން އަންނަނީ ކުރަމުންނެވެ. ޓެރަރިސްޓު ހަމަލާއެއްގެ ގޮތުގައި ބަލައިގެން މައްސަލަ ތަހުގީގު ކުރަން ފަށާފައިވާއިރު ބެލްޖިއަމްގެ އެލާޓް ލެވެލް މިހާރު ވަނީ އެންމެ މައްޗަށް ޖައްސާފަ އެވެ.
ކޮލިފައިން މެޗު ކުޅެމުން ދިޔައީ ވެސް ބްރަސެލްސްގައި ކަމަށްވާއިރު މެޗުގެ ކުޅުން ހުއްޓާލީ ފުރަތަމަ ހާފަށް ފަހު އެވެ. އޭރު ދެ ޓީމު ވެސް އޮތީ 1-1 އިން އެއްވަރުވެފަ އެވެ. މެޗުގެ ކުޅުން ހުއްޓާލަން ނިންމީ ދެވަނަ ހާފް ކުޅެން ސްވިޑެން ކުޅުންތެރިން ބޭނުން ނުވުމުން އެކަމަށް ބެލްޖިއަމްގެ ކުޅުންތެރިން ވެސް އެއްބަސްވުމުންނެވެ.
މެޗުގެ ކުޅުން ހުއްޓާލި ނަމަވެސް ވަކި އިރެއް ވަންދެން ބެލްޖިއަމްގެ ފުލުހުން ވަނީ ސްޓޭޑިއަމުން އެއްވެސް ސަޕޯޓަރަކު ބޭރަށް ނުދިޔުމަށް އިލްތިމާސްކޮށްފަ އެވެ. ސަޕޯޓަރުން ސްޓޭޑިއަމުން ނެރުނީ ފުލުހުންގެ އެހީއާއެކު ކަމަށްވާއިރު ސްވިޑެން ޓީމުގެ ކުޅުންތެރިން އެއާޕޯޓަށް ގެންގޮސްފައިވަނީ ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކާއެކު އެވެ.
މި މެޗަށް ނިކުތްއިރު ބެލްޖިއަމް އޮތީ ޔޫރޯ އަށް ކޮލިފައިވެފަ އެވެ. މި ގްރޫޕުން ދެވަނަ ހޯދައިގެން ޔޫރޯ އަށް ކޮލިފައިވީ އޮސްޓްރިއާ ކަމަށްވާއިރު ސްވިޑެން އަށް މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.