Last Updated: July 15, 11:57
Wednesday, July 15, 2026
ކުޅިވަރު

ޕްރެޝަރެއް ނެތް، މޮޅުވާން ތައްޔާރު

ކޯޗު ސުޒޭން ޕްރެކްޓިސްގައި: ފޮޓޯ-އެފްއޭއެމް

ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި މިއަދު ބަންގްލަދޭޝްއާ ދެކޮޅަށް ނިކުންނައިރު ރާއްޖެ އަށް ޕްރެޝަރެއް ނެތް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެ މެޗު ކުޅުނީ މާލޭގަ އެވެ.

ދެވަނަ ލެގުގެ މެޗު މިއަދު ހަވީރު ކުޅޭނީ ބަންގްލަދޭޝްގައި ކަމަށްވާއިރު ސުޒޭން ބުނީ ސާފް ޗެމްޕިއަންޝިޕްގައި 3-1 އިން ބަންގްލަދޭޝުން ރާއްޖެ ބަލިކޮށްފައި އޮތުމުން މިއަދު މެޗުގައި ޕްރެޝަރު އޮންނާނީ ބަންގްލަދޭޝަށް ކަމަށާއި ރާއްޖެ އަށް މި މެޗުގެ ޕްރެޝަރެއް ނެތް ނަމަވެސް ޓީމު އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ.

މާލޭގައި ކުޅުނު މެޗަށް ވުރެ ރަނގަޅު ކުޅުމެއް ޓީމުން މިއަދު ދައްކާނެ ކަމަށް އުއްމީދު ކުރާ ކަމަށާއި ބަންގްލަދޭޝްގައި ކުޅުމަކީ އުނދަގޫ ކަމަކަށްވީ ނަމަވެސް ޓީމު އޮތީ މެޗުން މޮޅުވާން ތައްޔާރަށް ކަމަށް ސުޒޭން ބުންޏެވެ. އަދި މި މެޗު ކުޅޭ ސްޓޭޑިއަމަކީ ރަނގަޅު ފެންވަރުގެ ސްޓޭޑިއަމެއް ކަމަށާއި ރާއްޖެ އަށް މި ސްޓޭޑިއަމްގައި ރަނގަޅު ޕާސިން ގޭމެއް ކުޅެން ފަސޭހަވާނެ ކަމަށްވެސް ސުޒޭން ބުންޏެވެ.

މި މެޗުން މޮޅުވާ ޓީމެއް ދެން ވަންނާނީ ކޮލިފައިންގެ ގުރޫޕް އައި އަށެވެ. އެ ގުރޫޕްގައި ހިމެނެނީ އޮސްޓްރޭލިއާ، ލުބުނާން އަދި ފަލަސްތީނެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެގަޑިން 4:45 ގަ އެވެ.