Last Updated: July 24, 10:29
Friday, July 24, 2026
މުނިފޫހިފިލުވުން

ޕަރިނިތީ ރާއްޖޭގައި، އެކަމަކު ހަނީމޫނަކަށް ނޫން

މިދިޔަ މަހު ކައިވެނިކުރި ބޮލީވުޑްގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

އޭނަ ހުރި ވަލްޑޯސް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ނަގާފައިވާ ފޮޓޯއަކާ އެކީ އިންސްޓަގްރާމްގައި ބުނީ "މިއީ ހަނީމޫން ދަތުރެއް ނޫން" ކަމަށެވެ. އަދި މި ދަތުރު "ގާލްސް ޓްރިޕެއް" ގެ ގޮތުގައި ސިފަކޮށް ބުނީ ފޮޓޯ ނެގީ ފަހަރިއެއް ކަމަށެވެ.

ޕަރިނީތީ އާއި އިންޑިއާގެ ސިޔާސީ ދާއިރާގައި މަސައްކަތްކުރާ ރާގަވް ޗައްޑާ ކައިވެނިކުރީ މިދިޔަ މަހުގެ 25 ގަ އެވެ. އެ އެ ދެ މީހުން އެންގޭޖްވީ މި އަހަރުގެ މެއި މަހުގެ 13 ގަ އެވެ.

ރާގަވް އަކީ އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އާމް އާދުމީ ޕާޓީ (އާޕް) ގެ ލީޑަރެކެވެ. އޭނަ އަކީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ރާޖިއާ ސަބާގެ މެމްބަރެއް ވެސް މެ އެވެ.

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާއާ ދެބޭންގެ ދެދަރި ޕަރިނީތީގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 6 ގައި ރިލީޒްކުރި އަކްޝޭ ކުމާރުގެ "މިޝަން ރާނީގަންޖް" އެވެ.

ކައިވެންޏަށް ފަހު ޗުއްޓީ އަށް ޕަރިނީތީ ރާއްޖެ އައި އިރު، އޭނަ މިހާތަނަށް އެކި ފަހަރު މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި ޕަރިނީތީ ފާހަގަކުރެވެނީ މި ފަހުން ރާއްޖެ އަށް އެންމެ ގިނައިން އަންނަ ބޮލީވުޑްގެ އެއް ބަތަލާގެ ގޮތުގަ އެވެ.