Last Updated: May 9, 05:45
Friday, May 9, 2025
ޚަބަރު

އިސްލާމީ އުންމަތް ގޮސްފައިވާ ހާލަތާ މެދު ހިތާމަކުރަން ޖެހޭ

މިނިސްޓަރު އިމްރާން އަބްދުﷲ- ފޮޓޯ: ހޯމް މިނިސްޓްރީ

މިއަދު އިސްލާމީ އުންމަތުގެ ބަލިކަށިކަމާއި ނިކަމެތިކަން ގޮސްފައިވާ ހާލަތަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު އިސްލާމީ އުންމަތުގެ ބަލިކަށިކަމާއި ނިކަމެތިކަން ގޮސްފައިވާ ހާލަތަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަމުގެ ހަގީގަތަކީ އީމާންކަން ބަލިކަށި ވެފައިވާ މިންވަރު ކަމަށްވެސް ވިދާޅުވިއެވެ.

މުސްލިމުންގެ ފުރަތަމަ ގިބްލަ، މަސްޖިދުލް އަގްސާ ހުރި ބިމުގައި ދިރިއުޅޭ މީހުންގެ ހާލަތާ މެދު ފިކުރު ކުރަންޖެހޭކަން ފާހަގަކުރައްވާ އިމްރާން ވިދާޅުވީ އަފްޣާނިސްތާނަށް އެއް އަހަރު ތެރޭގައި އެޅި ބޮން އެންމެ ހަ ދުވަސް ތެރޭގައި އިޒްރޭލުން ފަލަސްތީނަށް އަޅާފައިވާކަމަށެވެ. މުޅި އެ ހަމަލާތަކުގައި 3000 އެއްހާ މީހުން ޝަހީދުވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ މުސްލިމުންގެ މިސާލަކީ އެއް ހަށިގަނޑެއްގެ މިސާލު ކަމަށާއި، ފަލަސްތީނަށް ދެމުންދާ ހަމަލާތަކަކީ މުޅި އިސްލާމީ އުންމަތަށް ދެމުންދާ ހަމަލާތަކެއް ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ހެޔޮ ދުއާ ކޮށް މާތް ﷲ ގެ މަގުގައި ހޭދަކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އިސްލާމް ދީނަށް ވަނުމަކީ އުނދަގޫ ކަމެއް ނޫންކަމަށާއި، ރާއްޖޭގައި އޮތް އިސްލާމް ދީން އެއް ޖީލުން އަނެއް ޖީލަށް ގެންގޮސްދީ ދީނާމެދު ލޯބި ޖައްސަންޖެހޭ ކަމަށެވެ. ހުރިހާ އެންމެނަކީ އެއްވަރަށް ދީން އެނގޭ ބައެއް ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެކަމާ ހުރެ އަނެކުން ނިކަމެތިކޮށް އިހާނެތިކޮށް އަމަލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.