17 ނޮވެމްބަރު ގައި ޤާއިމުވާ ސަރުކާރު ވެގެންދާނީ އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނެއްގައި އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދިވެހީންގެ މިނިވަންކަމާ، ރިވެތި އާދަކާދަތަކާ، މުއްސަނދި ސަގާފަތާ، އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީން ކަމަށެވެ.
ޑރ. މުއިއްޒުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ.
"މިއަދުގެ ދުނިޔޭގައި، ފިކުރީގޮތުންނާ، އިޤްތިޞާދީގޮތުންނާ، އަދި އިސްތިރާތީޖީގޮތުންވެސް ތަފާތު އެކި ގޮންޖެހުންތައް އަޅުގަނޑުމެންގެ ކުރިމަތީގައި އެބަހުއްޓެވެ. މިއިން ކޮންމެ ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭގޮތެވެ." މުއިއްޒުގެ ބަޔާނުގައި ވިދާޅުވިއެވެ.
ޑރ. މުއިއްޒުގެ ބަޔާނުގައި ވިދާޅުވެފައިވަނީ 17 ނޮވެމްބަރު ގައި ޤާއިމުވާ ޕީޕީއެމް – ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށެވެ. އަދި ޤައުމުގެ އިސްތިޤްލާލާ ފަހުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް ވާނެ ކަމަށާއި، ދިވެހީންގެ ރީތި އުޅުމާ ގުޅުމާ ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާ އަބުރު ބައިނަލްއަޤްވާމީ މަސްރަހުގައި އުފުލައިދޭނެ ސަރުކާރަކަށް ވާނެ ކަމަށެވެ.