Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

މަހާޒުގެ ޤުރުއާނުގެ ހުލާސާ ތަފުސީރު ނެރެފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ލިޔުއްވި "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު"ގެ ފުރަތަމަ ވޮލިއުމް މިއަދު ނެރެފިއެވެ.

ރާއްޖެ އިސްލާވީ ދުވަހާ ދިމާކޮށް ފަނޑިޔާރު މަހާޒުގެ "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު"ގެ ފުރަތަމަ ވޮލިއުމް ނެރެފައިވާއިރު، މި ފޮތް މި ވަގުތު މާލެ އާއި ހުޅުމާލޭގެ ނޮވެލްޓީ ބުކްޝޮޕުން ލިބެން ހުންނާނެއެވެ. މި ފޮތުގެ އަގަކީ 390 ރުފިޔާއެވެ.

މި ފޮތާ ގުޅޭގޮތުން ފަނޑިޔާރު މަހާޒު އެމަނިކުފާނުގެ އަމިއްލަ ބްލޮގްގައި ވިދާޅުވެފައިވަނީ މި ތަފްސީރު ނިމޭ އިރު އޮންނާނީ 06 ވޮލިއުމަށް ކަމަށާއި، ކޮންމެ ފަސް ފޮތަކީ ވޮލިއުމެއް ކަމަށެވެ. އަދި ފުރަތަމަ ވޮލިއުމަކީ 444 ސަފުހާގެ ވޮލިއުމެއް ކަމަށް ވިދާޅުވިއެވެ.

ފަނޑިޔާރު މަހާޒު ބްލޮގްގައި ވިދާޅުވެފައިވަނީ ތަފްސީރު ލިޔުއްވަން ފެއްޓެވީ 2016 ވަނަ އަހަރު ކަމަށެވެ. މި ހުލާސާ ތަފްސީރު ފޮތުގައި އާޔަތްތަކުގެ ތަފްސީރު ލިޔެފައި ވަނީ ފަރުވާތެރިކަމާއެކު އެ އާޔަތުގެ ތަފްސީރު ކުރުކޮށް ދިވެހިން ބުނެދެވޭނެ ގޮތް ވިސްނައިގެން އެކަމަށް ސަމާލުކަން ދީގެން ކަމަށްވެސް ފަނޑިޔާރު ލިޔުއްވާފައިވެއެވެ.

"ދީނީ މުސްކުޅި ބަހުރުވަ ދޫކޮށް، ސާފުކޮށް ތިލަ އިބާރާތް ބޭނުން ކުރުމަށް ބާރު އެޅީމެވެ. ލިޔުމުގައި ދެތިން ތަންކޮޅެއްގައި މެނުވީ މުޅިން ވެސް ބޭނުން ކޮށްފައި ހުންނާނީ ތާނަ އަކުރެއެވެ. ޢަރަބި ލަޒުފުތައް ލިޔެފައި ހުންނާނީ ތިކިޖެހި ތާނައިންނެވެ. މިއީ ޓެކްނޮލޮޖީގެ ވަސީލަތްތަކުގައި ތަފްސީރު ބޭނުން ކުރުމުގެ ފަސޭހައަކަށެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގޮތުން ވެސް މެއެވެ." ފަނޑިޔާރު މަހާޒް ބްލޮގްގައި ލިޔުއްވާފައިވެއެވެ.

ފަނޑިޔާރު މަހާޒު ވިދާޅުވީ "ކީރިތި ޤުރުއާނުގެ ޚުލާޞާ ތަފްސީރު"ގެ ފުރަތަމަ ވޮލިއުމް ނެރުނުއިރު، ދެވަނަ ވޮލިއުމް ވެސް އިސްލާމިކް މިނިސްޓްރީން ފާސްކޮށް ދެއްވާފައިވާ ކަމަށެވެ. އަދި ތިންވަނަ ވޮލިއުމް ލިޔުމުގެ 95 އިންސައްތަ ނިމިފައިވާ ކަމަށެވެ.