އެކްޝަން ފިލްމެއް ހަދަން ނިންމީ ހަމަ ނަމެއްގައި އެ ޖޯންރާގެ ފިލްމެއް ހަދަން ނޫން ކަމަށާއި ބޭނުން ވަނީ ވަރަށް ފުރިހަމަ އެކްޝަން ފިލްމެއް ހަދަން ކަމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ކަރަން ޖޯހަރް ބުނެފި އެވެ.
އޭނަގެ އަލަތު ފިލްމު 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރިތާ އިއްޔެ އަށް 25 އަހަރު ފުރުމާ ދިމާކޮށް ޕިންކްވިލާ އަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ކާމިޔާބު ޑައިރެކްޓަރު ވަނީ ފިލްމީ ކެރިއަރުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކޮށްފަ އެވެ.
އެގޮތުން އެންމެ ފަހުން ގެނެސްދިން ރޮމޭންޓިކް ކޮމެޑީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް ފަހު، ހަދަން އޮތް އެކްޝަން ފިލްމާ ބެހޭ ގޮތުން ކަރަން ބުނީ އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. ނަމަވެސް ފިލްމުގެ ނަމާއި ކާސްޓާއި އޭގެ މަސައްކަތް ފަށާނެ އިރަކާ ބެހޭ ގޮތުން އެއްވެސް ތަފުސީލެއް ނުދެ އެވެ.
މި ފިލްމު އިއުލާންކުރީ ކަރަންގެ 50 ވަނަ އުފަން ދުވަހާ ގުޅުވައި މިދިޔަ އަހަރު އެވެ. އަދި މިއީ މިހާތަނަށް 7 ފިލްމު ޑައިރެކްޓްކުރި ކަރަންގެ ކެރިއަރުގައި ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފުރަތަމަ އެކްޝަން ޖޯންރާގެ ފިލްމެވެ.
ފިލްމާ ބެހޭ ގޮތުން ޕިންކްވިލާގެ އިންޓަވިއުއެއްގައި ސުވާލު ކުރުމުން ކަރަން ބުނީ އޭނަ ކަމަކަށް ވައުދެއްވެއްޖެ ނަމަ އެ ވައުދެއް ފުއްދާނެ ކަމަށެވެ.
"އެކަމަކު އެކްޝަން ފިލްމެއް ހަދަން ނިންމީ ހަމަ ނަމެއްގައި އެ ޖޯންރާގެ ފިލްމެއް ހަދާކަށް ނޫން. އަހަރެން ގަބޫލުކުރާ ގޮތުގައި އެކްޝަން އަކީ ވެސް އިމޯޝަނެއް. އެހެންވެ އެ އިމޯޝަން ގެނެސްދެވޭނެ ރަނގަޅު ވާހަކައެއްގެ ތެރެއިން." ބެލުންތެރިން އަބަދު ވެސް ވަރަށް އިތުބާރު ޑައިރެކްޓްކުރާ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަރަން ބުންޏެވެ.
ޖުލައިގައި އޭނަ ގެނެސްދިން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އަށް އިޝާރާތްކޮށް، ކަރަން ބުނީ މި ފިލްމަކީ ބެލުންތެރިން އޭނަ އަށް މިހާތަނަށް އެންމެ ބޮޑު ލޯތްބަކާއި ގަދަރެއް ދިން ފިލްމު ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ޝުކުރުވެރިވާ ކަމަށް ބުންޏެވެ.
ކަރަން އަކީ ދަރުމާ ޕްރޮޑަކްޝަންގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ވެސް ހިންގަމުން އަންނަ މީހެކެވެ. އެ ސްޓޫޑިއޯ އަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އަދި އެންމެ ބިޒީ އެއް ސްޓޫޑިއޯ އެވެ.
ކަރަން ޑައިރެކްޓްކުރި ފިލްމުތަކީ "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ"، "އޭ ދިލް ހެ މުޝްކިލް"، "ސްޓޫޑެންޓް އޮފް ދި އިޔާ"، "މައި ނޭމް އިޒް ޚާން"، "ކަބީ އަލްވިދާ ނާ ކެހެނާ"، "ކަބީ ހުޝީ ކަބީ ޢަމް" އަދި "ކުޗް ކުޗް ހޯތާ ހޭ" އެވެ. މި ހުރިހާ ފިލްމުތަކަކީ ވެސް ބޮޑެތި ހިޓްތަކެވެ.