Last Updated: July 15, 11:57
Wednesday, July 15, 2026
ކުޅިވަރު

ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ ކަޓައިފި

ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެ ރާއްޖެ ކަޓައިފި އެވެ.

މި ދެ ޓީމު މިދިޔަ ހަފްތާގައި ރާއްޖޭގައި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ކޮލިފައިންގެ އަނެއް ބުރަށް ބަންގްލަދޭޝް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.

ބަންގްލަދޭޝްގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބަންގްލަދޭޝުންނެވެ. ރާއްޖޭގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް މެޗުގެ 11 ވަނަ މިނެޓްގައި ގޯލަށް ފޮނުވާލައިގެން ބަންގްލަދޭޝަށް ލީޑު ނަގައިދިނީ ރާކިބް ހުސެއިން އެވެ. މި ގޯލަށް ފަހު ލީޑު ފުޅާކޮށްލަން ވެސް ރާކިބަށް މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައިވެ އެވެ.

ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ބަންގްލަދޭޝަށް ނުހިފުނުއިރު މެޗުގެ 36 ވަނަ މިނެޓްގައި އިބްރާހިމް އައިސަމް ވަނީ ރާއްޖެ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އައިސަމް މި ގޯލު ކާމިޔާބު ކުރީ ބަންގްލަދޭޝްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ފައިސަލް ފާހިމް ވަނީ އަލުން ބަންގްލަދޭޝަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 59 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ބަންގްލަދޭޝްގެ ސުހޭލް ރަނާ އަށް ރަތްކާޑު ދެއްކުމުން އެޓީމުން މެޗުގެ ބާކީބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. 10 ކުޅުންތެރިންނާއެކު ބަންގްލަދޭޝުން މެޗުގެ ބޮޑުބައި ކުޅެން ޖެހުނު ނަމަވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެޓީމުން ވަނީ ތަނަވަސްކޮށްފަ އެވެ.

މެޗުގެ ފަހު 20 މިނެޓްގައި ރާއްޖެ އިން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް ބަންގްލަދޭޝްގެ ޑިފެންސްލައިން ފޫއަޅުވާލުމުގައި ރާއްޖެ އަށް ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ އަހުނަފަށް ދެއްކި ރަތްކާޑާއެކު ރާއްޖޭން ވެސް މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

މި މެޗުން މޮޅުވުމުން ބަންގްލަދޭޝް މިހާރު ވަނީ ކޮލިފައިންގެ ގުރޫޕް އައި އިން ޖާގަ ހޯދާފަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ އޮސްޓްރޭލިއާ، ލުބުނާން އަދި ފަލަސްތީނެވެ.