މިއަދަކީ ދިވެހި ފުޓްބޯޅަ އަށް ހިތާމަވެރި ދުވަހެއް ކަމަށް ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ގޯލްކީޕަރު އިމްރާން މުހައްމަދު ބުނެފި އެވެ.
އިމްރާން މިހެން ބުނެފައިވަނީ ވޯލްޑް ކަޕް 2026 ގެ ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ދެވަނަ ލެގުގައި ބަންގްލަދޭޝް އަތުން 2-1 އިން ބަލިވެ ކޮލިފައިންގެ އަނެއް ބުރަށް ނުގޮސް ރާއްޖެ ކެޓުމުންނެވެ.
އިމްރާން ބުނީ މިއީ ދިވެހި ފުޓްބޯޅަ އަށް ހިތާމަވެރި ދުވަހެއް ކަމަށާއި ކުޅުންތެރިން ވީ އެންމެ ރަނގަޅަކަށް މިއަދު މެޗުގައި މަސައްކަތް ކުރި ކަމަށެވެ.
Sad day for Maldives football. Players did their best . 😢
Dhivehi football ah adhah vure fehi maadhamaa eh mivaru kuravvaashi .
Aameen pic.twitter.com/ehdA1m0Ucu— Imran Mohamed (@ImranMohamed25) October 17, 2023
ރާއްޖެ އާއި ބަންގްލަދޭޝް މިދިޔަ ހަފްތާގައި ރާއްޖޭގައި ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ކޮލިފައިންގެ އަނެއް ބުރަށް ބަންގްލަދޭޝް ދަތުރުކުރީ 3-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައިގެންނެވެ.
ވޯލްޑް ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އިން ކުޅެން ޖެހޭނީ އޮސްޓްރޭލިއާ އާއި ލެބަނަން އަދި ފަލަސްތީނާ އެވެ.
ބަންގްލަދޭޝުން ވަނީ މިއަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް ރާއްޖެ ބަލިކޮށްފަ އެވެ. ބަންގްލަދޭޝުން އެފަހަރު ރާއްޖެ ބަލިކުރީ 3-1 އިންނެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި 20 އަހަރުގެ ތެރޭގައި ރާއްޖެ އަތުން ބަންގްލަދޭޝް މޮޅުވި ފުރަތަމަ ފަހަރެވެ.