އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ހޮސްޕިޓަލެއްގެ ކައިރި އަށް ދިން ވައިގެ ހަމަލާއެއްގައި 200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި އެވެ.
ގާޒާގެ ހެލްތު މިނިސްޓްރީން ބުނީ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު އުޅެނީ 200 އާއި 300އާ ދެމެދުގައި ކަމަށާއި މި ހަމަލާގައި ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވެސް ލިބިފައިވާ ކަމަށެވެ. އަނިޔާ ލިބުނު ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން އިޒްރޭލުން މި ހަމަލާ ދީފައިވަނީ ކުރިން އެއްވެސް އިންޒާރެއް ދިނުމަކާ ނުލަ އެވެ. އެ ހޮސްޕިޓަލަކީ އިޒްރޭލުން ގާޒާ އަށް މިހާރު ދެމުންދާ ހަމަލާތަކުގައި އަނިޔާ ލިބުނު ގިނަ ބަޔަކަށް އެޑްމިޓްކޮށްގެން މިހާރު ވެސް ފަރުވާދެމުންދާ ހޮސްޕިޓަލެއް ކަމަށްވާއިރު މިއަދުގެ ހަމަލާއާއެކު އެ ހޮސްޕިޓަލު މިހާރު އަނިޔާ ލިބުނު މީހުންނާއެކު ފުރި ބާރުވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.
އިޒްރޭލުން މިއަދު ވަނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ގާޒާގެ ސްކޫލަކަށް ވެސް ވައިގެ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި ހަ މީހަކު ވަނީ ޝަހީދުވެފަ އެވެ. އެ ހަމަލާ ދިންއިރު ވަގުތީ ހިޔާގައި 4،000 މީހުން ތިބި ކަމަށް ވެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މި މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުން ދިން ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.