Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ހޮސްޕިޓަލް ހަމަލާގެ ޒިންމާ ނަގަން ޖެހޭނީ އެމެރިކާ އިން

އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ހޮސްޕިޓަލެއްގެ ކައިރި އަށް ދިން ނުރައްކާތެރި ވައިގެ ހަމަލާގެ ޒިންމާ ނަގަންޖެހޭނީ އެމެރިކާ އިން ކަމަށް ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ ލީޑަރު އިސްމާއިލް ހަނީއްޔާ ވިދާޅުވެއްޖެ އެވެ.

ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި 800 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އެތައް ހާސް ބަޔަކަށް ވަނީ އެކި ވަރުގެ އަނިޔާތައް ލިބިފަ އެވެ. އަނިޔާ ލިބުނު ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

އިޒްރޭލުގެ މި ހަމަލާ ގިނަ ގައުމުތަކަކުން ކުށްވެރި ކުރަމުންދާއިރު ހަނީއްޔާ ވިދާޅުވީ އެމެރިކާ އިން މި ހަމަލާގެ ޒިންމާ ނަގަން ޖެހެނީ އިޒްރޭލުން ހިންގާ ހުރިހާ ޖަރީމާތަކެއް ފޮރުވުމުގައި އެގައުމުން ބައިވެރިވާތީ ކަމަށެވެ. ހޮސްޕިޓަލަކަށް ހަމަލާދިނުމުން ދޭހަވަނީ އިޒްރޭލު ބަލިކަށިވަމުންދާ މިންވަރު ކަމަށާއި ފަލަސްތީނު ރައްޔިތުން ނިކުމެ އިޒްރޭލު ސިފައިންނާއި ކުރިމަތިލާންޖެހޭ ވަގުތު އައިސްފައިވާ ކަމަށްވެސް ހަނީއްޔާ ވިދާޅުވި އެވެ.

މީގެއިތުރުން ހަނީއްޔާ ވަނީ ހުރިހާ މުސްލިމް ގައުމުތަކަކުން އިޒްރޭލާއި ދެކޮޅަށް ބޮޑެތި އެއްވުންތައް ބޭއްވުމަށް ވެސް ގޮވާލާފަ އެވެ.

އިޒްރޭލުން އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ވައިގެ ހަމަލާދިން އިރު ގިނަ އަދަދަކަށް ބަލި މީހުންނަށް އެވަގުތު އެ ހޮސްޕިޓަލުގައި ދިޔައީ ފަރުވާދެމުންނެވެ. މިއީ އިޒްރޭލުން ހުސްކުރަން އަންގާފައިވާ ގާޒާގެ 20 ހޮސްޕިޓަލުގެ ތެރެއިން އެއް ހޮސްޕިޓަލެވެ. ނަމަވެސް އިޒްރޭލުން ގާޒާ އަށް ދެމުންދާ ހަމަލާތަކުގައި ގިނަ އަދަދަކަށް މީހުންނަށް އަނިޔާވަމުންދާއިރު ހޮސްޕިޓަލުތައް ހުސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފަ އެވެ.

މި ހަމަލާއާ ގުޅިގެން އެ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ މީހުން ކައިރި އެހެން ހޮސްޕިޓަލުތަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިޒްރޭލުން އިއްޔެ ވަނީ ވަގުތީ ހިޔާއެއްގެ ގޮތުގައި ހަމަޖައްސާފައިވާ ގާޒާގެ ސްކޫލަކަށް ވެސް ވައިގެ ހަމަލާއެއް ދީފަ އެވެ. އެ ހަމަލާގައި ހަ މީހަކު ވަނީ ޝަހީދުވެފަ އެވެ. އެ ހަމަލާ ދިންއިރު ވަގުތީ ހިޔާގައި 4،000 މީހުން ތިބި ކަމަށް ވެ އެވެ.