އިޒްރޭލުން ހުރިހާ ރަތް ރޮނގެއް މިހާރު ހުރަސްކޮށްފައިވާ ކަމަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވިދާޅުވެއްޖެ އެވެ.
އައްބާސް މިހެން ވިދާޅުވެފައިމިވަނީ ފަލަސްތީނުގެ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި 800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.
ހަމަލާއާ ގުޅިގެން ވާހަކަފުޅުދައްކަވަމުން އައްބާސް ވިދާޅުވީ އިޒްރޭލުން ހުރިހާ ރަތް ރޮނގެއް މިހާރު ހުރަސްކޮށްފައިވާ ކަމަށާއި އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާ އަކީ ހަނގުރާމައިގެ ގަތުލުއާންމެއް ކަމަށެވެ. އަދި 1948 ވަނަ އަހަރު އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ބާރުގެ ބޭނުންކޮށް، ފަލަސްތީނު ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެލައި ވިއްސިވިހާލިކޮށްލި ގޮތަށް ކަންކަން ތަކުރާރުވާން ދޫނުކުރާނެ ކަމަށާއި ފަލަސްތީނު ރައްޔިތުން މިފަހަރު އެމީހުންގެ އުފަން ވަޒަން ދޫކޮށް ނުދާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
"އަހަރުމެންގެ އުފަން ވަޒަނެއް ދޫކޮށް ނުދާނަން. އަދި މި ވަޒަނުން އަހަރުމެން ނެރެލަން އެއްވެސް ބަޔަކަށް ފުރުސަތެއް ވެސް ނުދޭނަން،" އައްބާސް ވިދާޅުވި އެވެ.
ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާއާ ގުޅިގެން އުރުދުންގެ ވެރިރަށް އައްމާނުގައި މިއަދު އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ވެސް އައްބާސް ވަނީ ކެންސަލް ކުރައްވާފަ އެވެ. އައްބާސް ވަނީ އެ ބައްދަލުވުން ކެންސަލް ކުރެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގެންނެވީ ފަލަސްތީނު ރައްޔިތުންނާއެކު ހުންނަވަން ބޭނުންފުޅުވާތީ ކަމަށް ވިދާޅުވެފަ އެވެ.
އިޒްރޭލުން ގާޒާގެ ހޮސްޕިޓަލުތަކާއި ސްކޫލުތަކަށް ހަމަލާދިނުމަކީ އާންމު ކަމެއް ކަމަށްވާއިރު ހަމާސް އާއި އިޒްރޭލުގެ ހަނގުރާމަ މި މަހުގެ ހަތްވަނަ ދުވަހު ފެށިފަހުން ގާޒާގެ ހަތަރު ސްކޫލަކަށް އިޒްރޭލުން ހަމަލާދީފައިވާ ކަމަށް ފަލަސްތީން ރެފިއުޖީންނަށް ހާއްސަ އދ. ގެ އެޖެންސީން (ޔޫއެންއާރްޑަބްލިއުއޭ) އިން ވަނީ ބުނެފަ އެވެ.