Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ބައިޑަންއާ އެކީ ބާއްވަން އޮތް ސަމިޓް ކެންސަލް

އަރަބި ގައުމުތަކުގެ ލީޑަރުން ހިމެނޭ ގޮތަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންއާއެކު ބާއްވަން ނިންމެވި ސަމިޓު އުރުދުން އިން ކެންސަލްކޮށްފި އެވެ.

މިއަދުގެ ވަގުތެއްގައި ބައިޑެން އިޒްރޭލަށް ވަޑައިގަންނަވާއިރު އެއަށް ފަހު މިއަދުގެ ވަގުތެއްގައި އުރުދުންގެ ވެރިރަށް އައްމާނަށް ވެސް ބައިޑެން ވަޑައިގަތުމަށް ކުރިން އޮތީ ހަމަޖައްސާފަ އެވެ. އަދި އައްމާނަށް ވަޑައިގެން އުރުދުންގެ ރަސްގެފާނާއި މިސްރުގެ ރައީސް އަދި ފަލަސްތީނުގެ ރައީސްއާ އެކު ބައްދަލުވުމެއް ބާއްވަން ބައިޑެން އޮތީ ނިންމަވާފަ އެވެ.

މި ސަމިޓް ކެންސަލް ކުރިކަން ހާމަކުރައްވަމުން އުރުދުންގެ ހާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވީ އިޒްރޭލާއި ހަމާސް ޖަމާއަތާއި ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވަން މަސައްކަތް ކުރުން ފިޔަވައި އިތުރު ވާހަކަތަކެއް ދެއްކުން މިވަގުތު މުހިއްމު ކަމަށް ނުދެކޭ ކަމަށެވެ.

އުރުދުން އިން މި ސަމިޓް ކެންސަލްކޮށްފައިމިވަނީ ފަލަސްތީނުގެ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި 800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ. މި ސަމިޓް ކެންސަލްކޮށްފައިވާއިރު ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ވެސް ވަނީ ބައިޑެންއާ އެކު ބާއްވަން ހަމަޖެއްސި ބައްދަލުވުން ކެންސަލްކުރައްވާފަ އެވެ.

މި ހަމަލާގެ ޒިންމާ އިޒްރޭލުން ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބޮލުގައި އަޅުވަން މަސައްކަތް ކުރަމުންދާއިރު މިއީ އެ ޖަމާއަތުން ދިން ހަމަލާއެއް ކަމުގެ އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައެއް ނުވެ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ ގާޒާގެ ހޮސްޕިޓަލަށް އިޒްރޭލުން ދިން ނުރައްކާތެރި ވައިގެ ހަމަލާ ކުށްވެރިކުރަމުންނެވެ. އަދި އެގައުމާ ދެކޮޅަށް މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި އަންނަނީ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.