އަރަބި ގައުމުތަކުން އިޒްރޭލާއެކު ގާއިމުކޮށްފައިވާ ގުޅުން ކަނޑާލަން ފަލަސްތީނުގެ ނެޝަނަލް އިނީޝިއޭޓިވް ޕާޓީން ގޮވާލައިފި އެވެ.
އެ ޕާޓީން މިކަމަށް ގޮވާލީ ފަލަސްތީނުގެ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި 800 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ޕާޓީގެ ލީޑަރު މުސްތަފާ ބަރްގޫތީ ވިދާޅުވީ އަރަބި އެއްވެސް ގައުމެއްގައި އިޒްރޭލުގެ ސަފީރަކު މިވަގުތު ހުރުމަކީ ލަދުވެތި ކަމެއް ކަމަށާއި އެމެރިކާ ފަހަތުގައި އޮވެ އިޒްރޭލާއެކު އަރަބި ގައުމުތަކުން ގާއިމުކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލައި އިޒްރޭލު "ކެންސަލް" ކުރަންޖެހޭ ކަމަށެވެ. އަދި އެގައުމުތަކަށް އެންމެ ކުޑަމިނުން ކޮށްދެވޭނެ ކަމަކީ އެއީ ކަމަށާއި އަރަބި ގިނަ ގައުމުތަކުން އެމެރިކާ އަށް ތެލާއި ގޭސް ފޯރުކޮށްދޭއިރު އެމެރިކާ އިން މިހާރު ކުރާހާ ވެސް ކަމަކީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތަކަށް ތާއީދުކުރުން ކަމަށް ވިދާޅުވި އެވެ.
މިއީ ހުއްޓުމަކަށް އަންނަންޖެހޭ ކަމެއް ކަމަށާއި އަރަބި ގައުމުތަކުން އެމެރިކާ އަށް މިހާރު "ފުދިއްޖެ" ކަމަށް ބުނަންޖެހޭ ކަމަށްވެސް މުސްތަފާ ވިދާޅުވި އެވެ.
އެމެރިކާ ފަހަތުގައި އޮވެ 2020 ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީ އާއި ބަހްރެއިނުން ވަނީ އިޒްރޭލާއެކު ގުޅުން ގާއިމުކޮށްފަ އެވެ. އިޒްރޭލުން ސައުދީ އަރަބިއްޔާއާއެކު ވެސް ގުޅުން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އިޒްރޭލާއި ހަމާސް ޖަމާއަތުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ މަސައްކަތަށް މިވަގުތު ވަނީ މަޑުޖެހުމެއް އައިސްފަ އެވެ.