Last Updated: July 15, 11:57
Wednesday, July 15, 2026
ކުޅިވަރު

ފަލަސްތީނަށް ތާއީދުކުރި ކުޅުންތެރިއަކު ސަސްޕެންޑް!

ފަލަސްތީނަށް ތާއީދުކޮށް ކުރި ޕޯސްޓަކާ ގުޅިގެން ޖަރުމަނުގެ މެއިންޒަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް އަންވަރު އެލް ގާޒީ ސަސްޕެންޑްކޮށްފި އެވެ.

ފަލަސްތީނަށް ތާއީދުކޮށް އެލް ގާޒީ "އިންސްޓަގްރާމް"ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެންމެންގެ ލޯ ކުރިމަތީގައި ހިނގަމުންދަނީ ބޮޑު ގަތުލުއާއްމެއް ކަމަށާއި މިއީ ހަނގުރާމައެއް ނޫން ކަމަށެވެ. އަދި ފަލަސްތީނު މިނިވަން ކަމަށްވެސް އެ ޕޯސްޓުގައި އެލް ގާޒީ ވަނީ ބުނެފަ އެވެ.

އެ ޕޯސްޓް އޭނާ ފަހުން ޑިލީޓްކޮށްލާފައިވާއިރު މެއިންޒުން ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލާއި ހަމާސް ޖަމާއަތުން މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އެލް ގާޒީ ނެގި ފިޔަވަޅަކީ ކްލަބަށް ބަލައިގަނެވޭނެ ފަދަ ފިޔަވަޅެއް ނޫން ކަމަށާާއި އެހެންކަމުން އޭނާ ކްލަބުގެ ފަރިތަކުރުންތަކުންނާއި މެޗުތަކާއި ގުޅޭ ހުރިހާ ކަމުން އެއްފަރާތް ކޮށްފައިވާ ކަމަށެވެ.

އަދި މިކަމުގައި ދެން ކުރިއަށްދާނެ ގޮތެއް ނިންމަން ކުރިއަށް އޮތް ދުވަސްތަކުގައި އެލް ގާޒީއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެލް ގާޒީ ،28، މެއިންޒާއި ގުޅުނީ މިދިޔަ މަހުގެ ތެރޭގައި ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ވަނީ ޖަރުމަނު ލީގުގައި މިހާތަނަށް އެ ކްލަބަށް ތިން މެޗު ކުޅެދީފަ އެވެ.

މެއިންޒް މިވަގުތު އޮތީ ޖަރުމަނު ލީގުގެ ފުލުން ދެވަނައިގަ އެވެ.