އަންނަ އަހަރު ޖަރުމަންގައި އޮންނަ ޔޫރޯ ފުޓްބޯޅަ މުބާރާތުން އިންގްލެންޑް ޖާގަ ހޯދައިފި އެވެ.
ގްރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު ކުރިއަށް އޮއްވާ އިންގްލެންޑް މުބާރާތަށް ކޮލިފައިވީ ރޭ ކޮލިފައިންގައި އިޓަލީއާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބުކޮށްގެންނެވެ.
މި މޮޅާއެކު އިންގްލެންޑަށް ހަ މެޗުން 16 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި ހަތް މެޗު ކުޅެގެން 13 ޕޮއިންޓާ އެކު އޮތީ ޔުކްރޭނެވެ. ތިންވަނައިގައި ހަ މެޗުން 10 ޕޮއިންޓު ހޯދައިގެން އިޓަލީ އޮތްއިރު ގްރޫޕްގެ ފަހު ދެ މެޗުން މޮޅުވެއްޖެނަމަ އިޓަލީ ޔޫރޯ އަށް ކޮލިފައިވާނެ އެވެ. ފަހު ދެ މެޗުގައި އިޓަލީ ނިކުންނާނީ ނޯތު މެސެޑޯނިއާ އާއި ޔުކްރޭނާއި ދެކޮޅަށެވެ.
އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ 15 ވަނަ މިނެޓްގައި ޖިއާންލޫކާ ސްކަމަކާ ވަނީ އިޓަލީ އަށް ލީޑު ނަގައިދީފަ އެވެ. ސްކަމަކާ މި ގޯލު ކާމިޔާބު ކުރީ އިންގްލެންޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ވަނީ އިންގްލެންޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ޕެނަލްޓީ އިންގްލެންޑަށް ލިބުނީ ޖޫޑް ބެލިންހަމް އަށް އިޓަލީގެ ޑި ލޮރެންޒޯ ކުރި ފައުލަކާ ގުޅިގެންނެވެ.
ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 57 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ އިންގްލެންޑަށް ލީޑު ނަގައިދީފަ އެވެ. ރަޝްފޯޑްގެ މި ގޯލަކީ އިޓަލީގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ކާމިޔާބުކުރި ގޯލެކެވެ. އަދި މެޗުގެ 77 ވަނަ މިނެޓްގައި އިޓަލީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ބޯޅަ ހިފައިގެން ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާއަކުން ކޭން ވަނީ އިންގްލެންޑުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.
މިއީ 1977 ވަނަ އަހަރަށް ފަހު އަމިއްލަ ދަނޑުގައި ކުޅެ އިންގްލެންޑަށް އިޓަލީ ބަލިކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ އިންގްލެންޑް ޖެހިޖެހިގެން ކޮލިފައިވި ބޮޑު އަށްވަނަ މުބާރާތެވެ.