Last Updated: July 24, 10:29
Friday, July 24, 2026
މުނިފޫހިފިލުވުން

ސަނީ އާއި ބޮބީ އެކީގައި ކަރަންގެ ޝޯ އަށް

މި މަހުގެ ފަހުކޮޅު ޕްރީމިއާކުރަން ހަމަޖެހިފައިވާ ކަރަން ޖޯހަރްގެ ޗެޓް ޝޯ، "ކޮވީ ވިތު ކަރަން" ގެ ސީޒަން އަށެއްގެ އެޕިސޯޑެއްގައި ބޮލީވުޑްގެ މަޝްހޫރު ދެބެއިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ އެޕިސޯޑް ދެބެއިން މިހާރު ވަނީ ޝޫޓް ވެސްކޮށްފަ އެވެ. ނަމަވެސް "ކޮފީ ވިތު ކަރަން 8" އިން ފެންނާނެ ތަރިންނާ ބެހޭ އެއްވެސް ތަފުސީލެއް އަދި މިހާތަނަކަށް ނުލިބެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ މި ޝޯގެ ދެވަނަ ސީޒަން 2005 ގައި ގެނެސްދިން އިރު، އޭގައި ބައިވެރިވާން ވެސް ސަނީ އާއި ބޮބީ އަށް ފުރުސަތު ލިބުނެވެ. ނަމަވެސް އެ ފަހަރު ފުރުސަތުގެ ބޭނުން ހިފައިފައެއް ނުވެ އެވެ.

ސަނީ އާއި ބޮބީ އެކީގައި ކަރަންގެ ޝޯ އިން ފެންނާނެ ކަމަށް ވާހަކަ ދެކެވޭތީ ފޭނުން މިހާރު ތިބީ ޝޯ ފަށާނެ އިރެއްގެ އިންތިޒާރުގަ އެވެ. މަޝްހޫރު އެކްޓަރު ދަރުމެންދުރާގެ ދެ ދަރިން ކަމަށްވާ ސަނީ އާއި ބޮބީ އަކީ އެކީގައި ފިލްމުތަކެއް ވެސް ކުޅެފައިވާ ދެ ތަރިންނެވެ. އޭގެ ތެރޭގައި "ދިއްލަގީ"، "އަޕްނޭ" އަދި "ޔަމްލާ ޕަގްލާ ދީވާނާ" ހިމެނެ އެވެ.

ކަރަންގެ ޝޯ އަށް މި ދެބެއިން އެކީގައި އަންނަ އިރު، ކަރަންގެ އެންމެ ފަހުގެ ފިލްމު، ޖުލައިގައި ރިލީޒްކުރި "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" ގެ ރޯލެއް ދަރޭ ކުޅެފައިވެ އެވެ. އަދި ކަރަންގެ ފިލްމު ކުންފުނި، ދަރުމާ ޕްރޮޑަކްޝަންގެ ފިލްމެއް ބޮބީ ވެސް ކުޅުނެވެ. އެއީ 2008 ގެ "ދޯސްތާނާ" އެވެ.

އެކަމަކު ކަރަންގެ އެއްވެސް ޕްރޮޖެކްޓެއްގައި ސަނީ މިހާތަނަށް ހިއްސާވެފައެއް ނުވެ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރު ބޮކްސް އޮފީހުގައި ރެކޯޑްތަކެއް ހެދި "ގަދަރު 2" އެވެ. ބޮބީގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 1 ގައި ރިލީޒްކުރާ "އެނިމަލް" އެވެ.

ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން "ކޮފީ ވިތު ކަރަން 8" ޕްރީމިއާކުރަން ހަމަޖެހިފައި ވަނީ މި މަހުގެ 26 ގަ އެވެ.