Last Updated: July 24, 10:29
Friday, July 24, 2026
މުނިފޫހިފިލުވުން

ދެން ކުޅޭނީ ކޮން ފިލްމެއް ކަމެއް ނޭނގޭ

ދެން ކުޅޭނީ ކޮން ފިލްމެއްކަން ނޭނގޭ ކަމަށާއި އަލުން އަނެއްކާ ވެސް ލޯބީގެ ފިލްމަކަށް ތައްޔާރޭ ބުނާކަށް ވެސް ނޭނގޭ ކަމަށް މި އަހަރު ވަރުގަދަ ދެ އެކްޝަން ފިލްމަކުން ބެލުންތެރިން ސިއްސުވައިލި ބޮލީވުޑްގެ ތަރި ޝާހްރުކް ޚާން ބުނެފި އެވެ.

އޭނަގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ހިމެނޭ 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ރިލީޒްކުރިތާ 25 އަހަރު ފުރުމާ ދިމާކޮށް ހޯމަ ދުވަހު ބޭއްވި އެ ފިލްމުގެ ސްޕެޝަނަލް ސްކްރީނިންގައި ޝާހްރުކް ބުނީ ދެން ކުޅޭނެ ފިލްމަކާ ދޭތެރޭ މި ވަގުތު އެއްވެސް ފިކުރެއް، ހިޔާލެއް ނެތް ކަމަށެވެ.

ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" އާއި މިދިޔަ މަހު ރިލީޒްކުރި "ޖަވާން" ބޮކްސް އޮފީހަށް ގުޑުން އަރުވައިލި އިރު، މި އަހަރު ރިލީޒްވާ ޝާހްރުކްގެ ތިން ވަނަ ފިލްމަކީ ޑިސެމްބަރުގައި ގެނެސްދޭ "ޑަންކީ" އެވެ. އެ މަހުގެ 22 އަށް ތާވަލުކޮށްފައި އޮތް މި ސޯޝަލް ކޮމެޑީ އަކީ ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ.

ހޯމަ ދުވަހުގެ އިވެންޓްގައި އަލުން އަނެއްކާ ވެސް ލޯބީގެ ފިލްމަކުން ފެނިދާނެތޯ އެހުމުން އަންނަ މަހު 58 އަހަރު ފުރޭ އެކްޓަރު ބުނީ އެކަމާ އެއްޗެއް ބުނާކަށް ނޭނގޭ ކަމަށެވެ.

"ދެން ކުޅޭނެ ފިލްމެއް، ނޫނީ ދެން ކުޅޭނީ ލޯބީގެ ފިލްމެއްތޯ ބުނާކަށް ވެސް އަހަންނަކަށް ނޭނގޭ،" ޝާހްރުކް ބުންޏެވެ. "އަހަންނަށް ހީވަނީ ދެން ލޯބީގެ ފިލްމުތައް ކުޅެންވީ ޒުވާން ކުދިންހެން."

ޝާހްރުކް އާންމުންގެ ހިތްތައް ފަހަތަކުރީ ލޯބީގެ ފިލްމުތަކުންނެވެ. އޭގެ ތެރޭގައި ހިންދީ ސިނަމާގެ އައިކޮނިކް އެންމެ އެއް ފިލްމު ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ގެ އިތުރުން "ޑަރް"، "ދިލް ތޯ ޕާގަލް ހޭ"، "ކުޗް ކުޗް ހޯތާ"، "މޮހައްބަތޭން"، "ކަބީ ހުޝީ ކަބީ ޢަމް"، "ކަލް ހޯ ނަ ހޯ"، "ރަބް ނެ ބަނާދީ ޖޯޅީ"، "ޗަލްތޭ ޗަލްތޭ" އަދި "ވީރު-ޒާރާ" ފާހަގަކޮށްލެވެ އެވެ.

"ލޯބީގެ ފިލްމުތަކުން އަހަރެން ސްޓާރަކަށް ހަދައިދިން ހުރިހާ ޑައިރެކްޓަރުންނަށް ޝުކުރު އަދާކުރަން." ޝާހްރުކް ބުންޏެވެ.