Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

މިހާރު މިސްރާބު ޖަހާފައި ވަނީ ބަނގުރޫޓުވުމާ ދިމާލަށް

މެންބަރު އަލީ ހުސައިން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ބަނގުރޫޓުވުމާ ދިމާލަށްކަމަށް ތަޖުރިބާކާރުން ބުނަމުންދާކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ވަނީ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައެވެ.

އެ ބަހުސްގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ވެރިކަންތައް ބަދަލުކުރުމުގެ ފޯރީގައި ބައެއް ސިޔާސީ ބޭފުޅުން ރާއްޖެއަކީ ވަރަށް ފޯރާ ދައުލަތެއް ކަމަށްބުނެ ހުރިހާ ކަމެއް ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭންޖެހޭނެ ކަމަށް ބުނިކަމަށެވެ. އެގޮތުން ފޮތް ފަންސުރާއި، ތައުލީމާއި، ސިއްހީ ކަންކަން ވެސް ހިލޭ ފޯރުކޮށްދޭންފެށިކަން ފާހަގަކުރެއްވިއެވެ. އަދި އެންމެފަހުން މި ވެރިކަމުގައި ވެރިކަން ކުރާ ރަށުގައި ހުރި ބިންވެސް ހިލޭ ބަހާ ހިސާބަށް ދިޔަ ކަމަށް ވިދާޅުވިއެވެ.

"ނަތީޖާއަކަށް މިވީ ކޮމިއުނިސްޓް ޕެރެޑައިޒްގައި ކަންކަން ހިނގާ ގޮތަށްވުރެއް ދިވެހިރާއްޖޭގައި ކަން ހިނގާގޮތް ހަގީގަތުގައި ގޯސްވީ." އަލީ ހުސައިން ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނުއިރު ދައުލަތުގެ ކުންފުނިތަކުގައި ތިބި މީހުންގެ އަދަދު 18،000 ގައި ހުރިއިރު މި ވެރިކަން ނިމުނުއިރު އެ އަދަދުހުރީ 32،000 ގައި ކަމަށް ވިދާޅުވިއެވެ. އެންމެފަހުން 'ކޮމިއުނިސްޓް ޕެރެޑައިޒް' ހައްދުފަހަނައަޅާގޮސް މިހާރު މިސްރާބު ޖަހާފައިވަނީ ބަނގުރޫޓު ވުމާ ދިމާލަށް ކަމަށް ގިނަ ތަޖުރިބާކާރުން ބުނަމުންދާކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ޤައުމުގެ މިސްރާބު ބަދަލުކުރަންޖެހޭ ވަގުތު އައިސްފައިވާކަން ފާހަގަކުރައްވާ އަލީ ހުސައިން ވިދާޅުވީ ތާއަބަދު ޒުވާނުންނަށް ނުބައި މިސާލު ދައްކައިގެން އުޅުނުގޮތް ބަދަލުކުރަންޖެހޭކަމަށެވެ. ވެރިކަމަކީ ބޮޑު ލައްޒަތަކަށް އަދި ލިބޭ ޣަނީމާއަކަށް ހަދައިގެން އުޅެން ލިބުނު ދުވަސް މިހާރު މާޒީ ވެފައިވާކަމަށާއި 2026 ވަނަ އަހަރު ދައްކަންޖެހެނީ ބޮޑު ދަރަންޏެއްކަން އަލީ ހުސައިން ފާހަގަ ކުރެެއްވިއެވެ. އަދި މާޒީގައި ކަންކުރިގޮތަށް މިހާރުވެސް ކަންކޮށްގެން އެ ދަރަނި ނުދެއްކޭނެކަމަށް ވިދާޅުވިއެވެ.