އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު 500 އަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރޭފެ ވަގުތެއްގައި މި ލާއިންސާނީ ޖަރީމާ ޔަހުދީން އިޒްރޭލުން ހިންގާފައި ވަނީ ވައިގެ މަގުން ދިން ހަމަލާތަކެއްގަ އެވެ. އެގޮތުން ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލަށް ދިން ހަމަލާ އަކީ މި މަހުގެ 7 ގައި އިޒްރޭލުން ފަލަސްތީނަށް ހަމަލާދޭން ފެށި ފަހުން މިހާތަނަށް ދިން އެންމެ ވަރުގަދަ، އެންމެ ނުރައްކާތެރި އެއް ހަމަލާ އެވެ.
އިޒްރޭލުން ދޭ ހަމަލާތަކުގައި ސިއްހީ ހިދުމަތްދޭ ތަންތަނާއި ސްކޫލްތަކާއި އަދި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާދެމުން ދާތީ އެކަން ވަރަށް ގިނަ ބަޔަކު އަންނަނީ ކުށްވެރިކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލަށް ދިން ހަމަލާ ރާއްޖެ އިން ވެސް ކުށްވެރިކޮށް މިއަދު ބަޔާނެއް ނެރެފައިވެ އެވެ.
Nothing can justify striking a hospital.
Nothing can justify targeting civilians.France condemns the attack on the Al-Ahli Arab hospital in Gaza, which made so many Palestinian victims. Our thoughts are with them. All the light must be shed on the circumstances.
— Emmanuel Macron (@EmmanuelMacron) October 17, 2023
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ގައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިސްރޭލުން ދިން ހަމަލާ އެންމެ ހަރުކަށި އިބާރާތުން ރާއްޖެއިން ކުށްވެރިކުރާ ކަމަށާއި އެ ހަމަލާގައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމް ރައްޔިތުންނެއް ޝަހީދުވުމަކީ އިންސާނިއްޔަތާ ހިލާފު އަމަލެއް ކަމަށެވެ.
"އާންމު ރައްޔިތުންނަށް އަމާޒުކޮށް، ހޮސްޕިޓަލްތަކާއި އާންމު ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރާ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫނެވެ،" ބަޔާނުގައި ބުންޏެވެ.
ހޮސްޕިޓަލަށް ދިން ހަމަލާގައި 500 އެއްހާ މީހުން ޝަހީދުވެފައިވާ އިރު، އެ އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ފަލަސްތީންގެ ރައްޔިތުންގެ ބިންތައް ފޭރިގަނެ، އެ މީހުންގެ ހައްގުތަކަށް އަރައިގަތުމުގައި ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން މި މަހުގެ 7 އިން ފެށިގެން ފަލަސްތީނަށް ހަމަލާދޭން ފެށި އެ ދުވަހު ހަމާސް ޖަމާއަތުން ދިން ވަރުގަދަ ހަމަލާތަކަކާ ގުޅިގެންނެވެ.