Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ފެނަކައިގެ ދަރަނި ދެއްކޭނެ ގޮތެއް ހަދަން ގޮވާލައިފި

މެންބަރު އަހުމަދު އާމިރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފެނަކައިން އާންމު ފަރާތްތަކަށް ދޭންހުރި ފައިސާ ދެވޭނެގޮތެއް ހެދުމަށް ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ގޮވާލައްވައިފިއެވެ.

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ވަނީ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައެވެ.

މި ބަހުސްގައި ވާހަކަ ދައްކަވަމުން އާމިރު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކާއި މުއައްސަސާތަކުން އާންމު ފަރާތްތައް ލައްވާ މަސައްކަތް ކުރުވުމަށްފަހު އެކަމަށް ދޭންޖެހޭ ފައިސާ ނުދީ ލަސްވުމަކީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު އަސަރު ކުރާނެކަންތައް ކަމަށެވެ. ފެނަކައިގެ މަސައްކަތްތައް ކުރުމަށްފަހު ލާރި ނުލިބިތިބި ކުދި އަދި މެދުފަންތީގެ އެތައް ވިޔަފާރިތަކެއް އެބަހުރިކަމަށް އާމިރު ވިދާޅުވިއެވެ.

"މިއީ ވަރަށް ދެރަކަމެއް. އަޅުގަނޑުމެނަށް އެކި ކަންތައްތަކުގައި ފެނަކައިގެ ކައުންޓަރަށްގޮސް މަޑުކޮށްލާއިރު އެބަފެނޭ އެތައްބަޔަކު އެތަނަށް ފައިސާ ނުދީގެން ޝަކުވާކުރަމުން އަންނަތަން." އާމިރު ވިދާޅުވިއެވެ.

ފެނަކައަކީ އަސާސީ ހިދުމަތެއް ފޯރުކޮށްދޭތަނެއްކަމަށާއި އެހެންކަމުން އެތަނަކީ ރަނގަޅުގޮތުގައި ހިންގުމަށް ކޮޅަށްޖަހަންޖެހޭ ކަމަށެވެ. އެގޮތުން ލޯނު ނަގައިގެންވިއަސް ނުވަތަ ދައުލަތުން ފައިސާ ފޯރުކޮށްދީގެންނަމަވެސް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ފެނަކައިން އާންމު ފަރާތްތަކަށް ދޭންޖެހިފައިހުރި ފައިސާތައް ފޯރުކޮށްދިނުންކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ ދައުލަތުގެ މަސައްކަތެއް ބަޔަކު ކުރުމުން އެމީހުނަށް ދޭންޖެހޭ ފައިސާ ނުދީފިނަމަ، ދައުލަތްވެސް ޖުރިމަނާވާގޮތަށް ޤާނޫނު ބަދަލުކުރަންޖެހޭކަމަށެވެ.