ފަލަސްތީނަށް ތާއީދުކޮށް ރާއްޖެ އިން އަނެއްކާ ވެސް ބޮޑު އެއްވުމެއް ބާއްވަން ނިންމައިފި އެވެ.
މިކަން އިއުލާން ކުރައްވައި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް އިންތިޒާމު ކުރުމުގެ މަސައްކަތް މިހާރު ފެށުނީ ކަމަށެވެ. ނަމަވެސް އެ އެއްވުމާ ބެހޭ އިތުރު ތަފުސީލެއް އިމްރާން ނުދެއްވަ އެވެ.
ބޮޑު އެއްވުމެއް އިންތިޒާމުކުރުމުގެ މަސައްކަތް ފެށުނީ ކަމަށް މިނިސްޓަރު ވިދާޅުވެފައި މި ވަނީ ރޭގެ ވަގުތެއްގައި އިޒްރޭލުން ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި 500 އެއްހާ މީހުން ޝަހީދުވެފައި ވަނިކޮށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ބޮޑު އެއްވުމެއް އިންތިޒާމުކުރުމުގެ މަސައްކަތް މިހާރުން ފެށިގެން މި ފެށުނީއެވެ. ان شاء الله https://t.co/HSy4j3xIz1
— Imran Abdulla (@ShimranAb) October 17, 2023
އެ ހަމަލާ ރާއްޖެ އިން ކުށްވެރިކޮށް މިއަދު ބަޔާނެއް ވެސް ނެރެފައިވެ އެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ޖަރީމާތަކާ ގުޅިގެން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ރާއްޖޭގައި އަންނަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި އެއްވުންތަކެއް ބާއްވާފައި އިރު، ފައިސާ އެއްކުރަން ފަންޑްތަކެއް ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖޭގެ މިޑިއާތަކުން އިއްޔެ ޓެލެތޯނެއް ބާއްވައި 13 މިލިއަނަށް ވުރެ ރުފިޔާ ހޯދާފައިވެ އެވެ.