ފެނަކައިގެ ދަރަންޏަކީ މި ސަރުކާރުގައި އެކަނި ނަގާފައިވާ އެއްޗެއް ނޫންކަމަށާއި، އެއީ ޒަމާނުއްސުރެއް އެއްވަމުން ޖަމާވަމުން އައި ދަރަނި ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ، ފެނަކައިން ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް ދޭންޖެހޭ ފައިސާދިނުން އަވަސްކުރުމަށާއި ފެނަކައިގެ މެނޭޖްމަންޓް އަދި ފައިނޭންޝަލް އޮޑިޓެއް ހެދުމަށާއި ދަރަނިތައް އަދާކުރާނެގޮތުގެ ޕްލޭނެއް އެކުލަވާލުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ވަނީ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައެވެ.
މި ބަހުސްގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ދައުލަތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭންޖެހިފައިވަނީނަމަ އެ ފައިސާއެއް ވިހާވެސް އަވަހަށް ދައްކަންޖެހޭނެކަމަށް ގަބޫލުކުރާކަމަށެވެ.
ފެނަކައިގެ ވާހަކަ ދައްކާއިރު ފެންނަންހުރި ހިސާބުތަކެއްވެސް އެބަހުރިކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ 2019 ވަނަ އަހަރު އޮޑިޓާ ޖެނެރަލް ހަދާފައިވާ އޮޑިޓަކުން ދައްކާގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފެނަކައިގައި ޖުމުލަ 1.183 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. އަދި 2022 ވަނަ އަހަރަށް ދިޔައިރު އެ ދަރަނި 1.9 ބިލިއަން އަރާފައިވާކަމަށެވެ.
މީގެއިތުރުން އަސްލަމް ވިދާޅުވީ ފެނަކައިގެ ދަރަނީގެ ވާހަކަދައްކާއިރު އުފައްދާފައިވާ އެސެޓްގެ ވާހަކަ ނުދައްކާކަމަށެވެ. އެ ދަރަންޏާ ނުބައްދަލު އަދަދަކަށް ފެނަކައިން ރައުސްމާލު އިތުރު ކޮށްފައިވާ ކަމަށާއި އެގޮތުން ފެނަކައިގެން ގިނަގުނަ ހިދުމަތްތަކެއް ދީފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން 17،000 ކިލޯމީޓަރުގެ ކޭބަލް ރާއްޖޭގެ އެކި ރަށްރަށުގައި ދަމާފައިވާކަމަށާއި، 101 ރަށެއްގައި ފެނަކައިގެ ނެޓްވޯކް ގާއިމު ކޮށްފައިވާކަމަށާއި، 313 ޖަނަރޭޓަރު ސެޓް ބަހައްޓާ، 77 ރަށެއްގައި އާ އިންޖީނުގެ އަޅާފައިވާކަމަށާއި، 20 ރަށެއްގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށާއި، 135 ރަށެއްގައި ފެނަކައިގެ އޮފީސް ގާއިމުކޮށް، 13 ރަށެއްގެ މަސައްކަތް އަދިވެސް ކުރިއަށްދާކަމަށެވެ.
އަސްލަމް ވިދާޅުވީ ފެނަކައިގެ މި ދަރަންޏަކީ މި ހިނގަމުންދާ ސަރުކާރުން ކޮންމެހެން ނަގާފައިވާ އެއްޗެއް ނޫންކަމަށެވެ.
"އެ ދަރަނިތަކަކީ ޒަމާނުއްސުރެއް، ފެނަކައިގައި އެއްވަމުން އިތުރުވަމުން އައި ދަރަނިތަކެއް. އެހެންކަމުން ދަރަނިނުވެވޭގޮތަށް ކުންފުނިތައް ހަރުދަނާކޮށް ހިންގުމަކީ ކޮންމެ ސަރުކާރަކުންވެސް ކުރަންޖެހޭނެކަމެއްކަމުގައި ގަބޫލުކުރަން." އަސްލަމް ވިދާޅުވިއެވެ.