Last Updated: May 8, 23:17
Thursday, May 8, 2025
ޚަބަރު

ގާޒާގެ ހޮސްޕިޓަލަށް ދިން ހަމަލާ ކުށްވެރިކޮށްފި

އަދާލަތު ޕާޓީގެ އިދާރީ މަޖިލީހުގެ ބައްދަލުވުން- ފޮޓޯ: އަދާލަތު ޕާޓީ

އިސްރާއީލުން ޣައްޒާގެ އަލް-އަހްލީ ޢަރަބް ހޮސްޕިޓަލަށް ބޮންއަޅާ އެތައްބަޔަކު ޝަހީދުކޮށްލުން އަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމުގައިވާ ‏އަލްމަސްޖިދުލް އަޤްޞާ ހިމެނޭ ފަލަސްތީނާ ދެކޮޅަށް، އެ ބިމަށް ގަދަކަމުން ވެރިވެގެން އުޅޭ ޣައިރުޤާނޫނީ ޞިޙްޔޫނީ ދައުލަތުން ހިންގާ ރަހުމެއްނެތް ލާއިންސާނީ އިސްތިއުމާރީ އުދުވާން އަދާލަތު ޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކުރާ ކަމަށެވެ.

ހާއްސަކޮށް ހުއްޓުމެއްނެތި ވައިގެ މަގުން ހަމަލާދީ ފަލަސްތީނުގެ ޣައްޒާ ސުންނާފަތިކޮށް، ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭހެން އެތައް ބަޔަކު ޝަހީދުކޮށް، އެތައްހާސް ބަޔަކު ޒަޚަމްކޮށް، އެތަނަކީ އިންސާނީ ދިރުމަށް އެކަށީގެންނުވާ ތަނަކަށް ހަދާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް ފެނާއި ކާނާއާއި ބޭސްފަރުވާއާއި ދިރިއުޅުމަށް ބޭނުންވާ އަސާސީ ވަސީލަތްތައް ފޯރުކޮދިނުމަށް ހުރަސްއެޅާފައިއޮތްއޮތުން އަދާލަތުޕާޓީން ވަނީ ކުށްވެރިކޮށްފައެވެ. އަދި ބުނެފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އަލް-އަހްލީ ޢަރަބް ހޮސްޕިޓަލަށް ބޮންއަޅާ 500 އަށްވުރެ ގިނަ މީހުން ޝިހީދުކޮށްލުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަ ޚިލާފު ހަނގުރާމައިގެ ޖަރީމާއެއް ކަމަށެވެ.

"އިސްރާއީލުގެ މި ރަހުމެއްނެތް ޖަރީމާތައް ހުއްޓުވާ، ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއަޅާ ބައިނަލްއަޤުވާމީ މުއައްސާކުން އެ މައްސަލަތައް ބަލާ ފިޔަވަޅުއެޅުމަށްވެސް މިފުރުސަތުގައި ޢަދާލަތު ޕާޓީން ގޮވާލަމެވެ. އަދި ހަމައެހެންމެ އިސްރާއީލުގެ ޢުދުވާނަށް ވާގިވެރިވެ ކުށެއްނެތް ކުޑަކުދިންމެރުމަށް އެހީތެރިވެ ހަތިޔާރާއި މާލީ އެހީތެރިކަން ފޯރުކޮށްދޭ ހުޅަނގުގެ ޤައުމުތަކުން ވަގުތުން އެކަން ހުއްޓާލުމަށް ވެސް ޢަދާލަތު ޕާޓީން ގޮވާލަމެވެ." އަދާލަތު ޕާޓީން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އިޒްރޭލުން ފަލަސްތީނުގެ ހޮސްޕިޓަލަށް ދިން ހަމަލާ ދިވެހި ސަރުކާރުންވެސް ވަނީ ކުށްވެރިކޮށްފައެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަކުން އަންނަނީ އިޒްރޭލުގެ މި ހަމަލާތައް ކުށްވެރިކުރަމުންނެވެ.