ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއިލްއިން ކުރިއަށްގެންދާ އަސްކަރީ ޙަމަލާތަކާ ގުޅޭގޮތުން ބާއްވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ އެގްޒެކެޓިވް ކޮމިޓީގެ އޯޕަން އެންޑެޑް އެކްސްޓްރާ އޯޑިނަރީ ކުއްލި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނެފައިވަނީ ޚާރިޖީ ވަޒީރުންގެ ފެންވަރުގައި ބާއްވާ މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ކަމަށެވެ. މި ބައްދަލުވުން ބޭއްވުމަށް ހުށަހަޅާފައިވަނީ އިސްލާމިކް ސަމިޓާއި އޯ.އަ.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާކަމުގައިވާ ސައުދީ އރަބިއްޔާ އިންނެވެ.
މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހަވީރު 3 ޖަހާއިރުއެވެ.
މި ބައްދަލުވުމުގައި އޯ.އަ.ސީ.ގެ އެގްޒެކެޓިވް ކޮމިޓީގެ ޗެއާއާއި އޯ.އަ.ސީ.ގެ ސެކްރެޓަރީ ޖެނެރަލް އަދި ފަލަސްތީނުގެ ޚާރިޖީ ވަޒީރުގެ ތަޤްރީރުކުރައްވަން ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އެއަށްފަހު މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ވަފްދުތަކުގެ އިސްވެރިންނަށް ތަޤްރީރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.
އެގޮތުން ދިވެހިރާއްޖެއިން ވެސް މިބައްދަލުވުމުގައި ތަޤުރީރުކުރުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖޭގެ ފަރާތުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހްމަދު ޚަލީލް ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.