Last Updated: May 2, 21:43
Thursday, May 2, 2024
ޚަބަރު

ކަނޑުގެ ލޮނުގަނޑު އެބަ އުފުލޭ، ހަގީގަތް ގަބޫލުކުރޭ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް - ރައީސް އޮފީސް

ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުން ކަމަށާއި ސައިންޓެފިކް ހަގީގަތްތައް ގަބޫލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެންމެންވެސް ސައެންޓިފިކް ޙަޤީޤަތްތައް ޤަބޫލުކުރަން ޖެހޭނެ ކަމަށާއި ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ޙަޤީޤަތެއް ކަމަށެވެ. އަދި ސެޓެލައިޓް މަޢުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަޙަ 3.4 މިލިމީޓަރަށް އުފުލިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

މައުމޫން މިހެން ވިދާޅުވެފައިމިވަނީ މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން އިންތިޙާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ދާދިފަހުން "އަލްޖަޒީރާ" އަށް ދެއްވި އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މުޢިއްޒު އަލްޖަޒީރާއަށް ދެއްވި ބަސްތީގަތުމުގައި، ބޭރުގެ ބައެއް ފަރާތްތަކުން ކޮށްފައިވާ ދިރާސާގައި މިހާރު ކަނޑުގެ ލޮނުގަނޑު އުފުލޭ ރޭޓުގައި އުފުލޭ ނަމަ، ޤައުމުގެ 80 އިންސައްތަ ރަށްރަށުގައި ދިރިނުއުޅެވޭނެކަން ފާހަގަކޮށް މިކަމަށް އެއްވެސް ޕްލޭނެއް ގެންގުޅުއްވާތޯ ވަނީ ސުވާލުކުރައްވާފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މުޢިއްޒު ވަނީ ނާސާ ފަދަ ތަންތަނުން ހާދާފައިވާ ދިރާސާ ތަކަކީ އެހާ ސައްޙަ ދިރާސާތަކެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިއީ އަބަދުވެސް އަޑުއިވޭ ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

" ތެދަށް ބުނާކަމުގައި ވަނީ ނަމަ، އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ އެއީ އެހާ ސައްޙަ ވާހަކައެއް ކަމަށް. މިއީ މީގެ 50 އަހަރު ކުރިންވެސް ދެއްކި ވާހަކަތައް. އަޅުގަނޑުމެންނަކަށް ނުފެނޭ ކަނޑުގެ ލޮނުގަނޑު އެވަރަށް އުފުލޭ ތަނެއް " މުޢިއްޒު ވިދާޅުވި އެވެ. " އަޅުގަނޑަށް ހީވަނީ މީހުން އައިސް ބަލަން ފެށީމަ ފެންނާނެހެން، އެއީ ދޮގުތަކެއް ކަން. ރާއްޖޭގެ ހާތަލު އެހާ ސީރިއަސް ނޫންކަން"

މުއިއްޒުގެ މި ވާހަކަފުޅުތައް ފަހުން އެމަނިކުފާނުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވަނީ ތަރުޖަމާކޮށްދެއްވާފަ އެވެ. ފިރުޒުލް ވަނީ މުއިއްޒު ފާހަގަ ކުރެއްވި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަމުންދާ އެކި ގޮންޖެހުންތަކުގެ ވާހަކަތައް ކަމަށް ވިދާޅުވެފަ އެވެ.