ފަލަސްތީނަށް އަމާންކަން ދެއްވުން އެދި ފަރުޟު ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އަންގައިފި އެވެ.
މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ރާއްޖޭގެ ރައްތަކުގައި ރޭގަނޑުގެ ނަމާދުތަކަށްފަހު ގުނޫތު ކިޔަން އެންމެ ފުރަތަމަ އެންގީ މި މަހުގެ 11 ގަ އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާގައި ވަނީ ފަލަސްތީން ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތް ކޮށްދެއްވުމަށް އެދި މިއަދު މެންދުރު ނަމާދުން ފެށިގެން މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ފަރުޟު ފަސްނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ނާޒިލާ ކިޔުމަށް އަންގައިފަ އެވެ.
އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.