Last Updated: July 24, 10:29
Friday, July 24, 2026
މުނިފޫހިފިލުވުން

ޝާހްރުކާއި ސުހާނާގެ ފިލްމުގެ ޝޫޓިން އަންނަ މަހު

ބޮލީވުޑްގެ ތަރި ޝާހްރުކް ޚާނާއި ދަރިފުޅު ސުހާނާ ޚާން އެކީގައި ކުޅެން ހަމަޖެހިފައިވާ އެކްޝަން ތުރިލާގެ ޝޫޓިން އަންނަ މަހުގެ ތެރޭގައި ފެށުމަށް ތައްޔާރީތައްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ ފިލްމުގެ ގިނަ މަންޒަރުތަކެއް އިންޑިއާ އިން ބޭރުގައި ވެސް ނަގާނެ ކަމަށާއި މުޅި ފިލްމުގެ ޝޫޓިން އަށް އަށް ހޭދަވަނީ ހަ މަސް ކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ފިލްމުގެ ޝޫޓިން ފަށައި މާޗަށް މީގެ މަސައްކަތް ނިންމައިލުމަށް ފަހުމ ޝާހްރުކް ދެން ވަގުތު ދޭނީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ސުޕައި ޔުނިވާސްގެ "ޓައިގާ ވާސަސް ޕަތާން" އަށް ކަމަށް ހަންގާމާ އިން ބުންޏެވެ.

ޝާހްރުކާއި ސުހާނާ އެކީގައި ފިލްމަކަށް ތައްޔާރުވަމުން އަންނަ ވާހަކަ ދެކެވޭތާ މިހާރު ހަތަރު ވަރަކަށް މަސް ވެދާނެ އެވެ. އެކަމަކު މިކަން ރަސްމީކޮށް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ފިލްމަކީ ޝާހްރުކްގެ ފިލްމު ކުންފުނި، ރެޑް ޗިލީސް އެންޓަޓައިންމަންޓަށް ސުޖޯއި ގޯޝް ޑައިރެކްޓްކުރާ އެއްޗެކެވެ.

އޭނަ އަކީ އެ ސްޓޫޑިއޯގެ 2019 ގެ "ބަދުލާ" ގެ ވެސް ޑައިރެކްޓަރެވެ. ސުޖޯއިގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެޓްފްލިކްސް އަށް ދޫކުރި ކަރީނާ ކަޕޫރްގެ "ޖާނެ ޖާ" އެވެ.

ބައްޕައާ އެކީ ސުހާނާ، 22، ފިލްމަކަށް ތައްޔާރުވާ އިރު، އޭނަގެ އަލަތު ފިލްމަކީ މި އަހަރުގެ ޑިސެމްބަރު 7 ގައި ނެޓްފްލިކްސް އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ދި އާޗީސް" އެވެ. މި ފިލްމުން ސުހާނާގެ ހުނަރު ދެކިލަން ވަރަށް ގިނަ ބަޔަކު އަންނަނީ ފިލްމަށް އިންތިޒާރު ކުރަމުންނެވެ.

"ދި އާޗީސް" އިން ކުރީގެ ބަތަލާ ސްރީދޭވީގެ ހަގު ދަރިފުޅު ހުޝީ ކަޕޫރާއި އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްޓިއާ ނަންދާ ވެސް ފިލްމީ ދުނިޔެ އަށް ތައާރަފުވާނެ އެވެ.