އިންޑިއާގެ ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާގެ މައްޗަށް ކުރެވުނު ބަރަހަނާ ފިލްމުގެ ހެދުމުގެ ތުހުމަތަކާ ގުޅުވައިގެން ގެނެސްދޭ ފިލްމު "ޔޫޓީ 69" ގެ ޓްރެއިލާ މިއަދު އާންމުކޮށްފި އެވެ.
އަންނަ މަހުގެ 3 ގައި ބެލުންތެރިންނަށް ގެނެސްދޭ ފިލްމުގެ ޓްރެއިލާ ޝިލްޕާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ. "ޔޫޓީ 69" ގައި ރާޖް އަށް 2021 ގައި ކުރިމަތިލާން ޖެހުނު ތުހުމަތުތަކާއި އެކަމާ ގުޅިގެން އޭނަ ހައްޔަރުކޮޘް ޖަލުގައި ހޭދަކުރަން ޖެހުނު ދުވަސްތައް ވެސް ދައްކުވައި ދޭނެ އެވެ.
މީގެ އެންމެ ހާއްސަ ކަމަކީ ސީދާ ރާޖް އޭނަގެ ގޮތުގައި ފިލްމުން ފެނިގެން ދިއުމެވެ.
ބެލުންތެރިންނަށް ރާޖް ފިލްމަކުން ފެންނަ ފުރަތަމަ ފިލްމު "ޔޫޓީ 69" ޑައިރެކްޓްކޮށްފައި ވަނީ ޝާހްނަވާޒް އަލީ އެވެ. މީގެ ސްކްރީންޕްލޭ އާއި ޑައިލޮގްައް ލިޔުނީ "ގުލާމް" އާއި "ރާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ވިކްރަމް ބަޓެވެ.