Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ގޮވާލައިފި

ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެން އިސްލާމީ ގައުމުތަކުން އިޒްރޭލަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އިރާނުން ގޮވާލައިފި އެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތުގެ ހަނގުރާމައާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަދައްކަވަމުން އިރާނުގެ ހާރިޖީ ވަޒީރު ހޮސެއިން އާމިރް އަބްދުއްލާހިއާން ވިދާޅުވީ އިސްލާމީ ގައުމުތަކުން ވަގުތުން ވަގުތަށް އިޒްރޭލާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށާއި އެގޮތުން ތެލުގެ ވިޔަފާރިން ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު އިޒްރޭލުގެ އެމްބަސީތައް ގާއިމުކޮށްފައިވާ ގައުމުތަކުގައި ތިބި އެގައުމުގެ ސަފީރުން ވެސް އަނބުރާ ގައުމަށް ފޮނުވާލަންޖެހޭ ކަމަށެވެ.

މީގެއިތުރުން އަބްދުއްލާހިއާން ވަނީ އިޒްރޭލުން ހިންގާ ހަނގުރާމައިގެ ޖަރީމާތައް ބަލަން އިސްލާމީ ވަކީލުންގެ ޓީމެއް އެކުލަވާލުމަށް ވެސް ގޮވާލާފަ އެވެ.

އެމެރިކާ ފަހަތުގައި އޮވެ 2020 ވަނަ އަހަރުގެ ތެރޭގައި ޔޫއޭއީ އާއި ބަހްރެއިނުން ވަނީ އިޒްރޭލާއެކު ގުޅުން ގާއިމުކޮށްފަ އެވެ. އިޒްރޭލުން ސައުދީ އަރަބިއްޔާއާއެކު ވެސް ގުޅުން ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އިޒްރޭލާއި ހަމާސް ޖަމާއަތުން މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އެ މަސައްކަތަށް މިވަގުތު ވަނީ މަޑުޖެހުމެއް އައިސްފަ އެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.