Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ކޮންމެ 15 މިނެޓަކުން ކުއްޖަކު ޝަހީދު އެބަކުރޭ

ކޮންމެ 15 މިނެޓަކުން އިޒްރޭލުން ފަލަސްތީނުގެ ކުޑަކުއްޖަކު ޝަހީދުކުރަމުންދާ ކަމަށް ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް މާލިކީ ވިދާޅުވެއްޖެ އެވެ.

އިޒްރޭލާއި ހަމާސް ޖަމާއަތުގެ ހަނގުރާމައާ ގުޅިގެން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ވާހަދައްކަވަމުން މާލިކީ ވިދާޅުވީ އިޒްރޭލުން މިހާތަނަށް ފަލަސްތީނުގެ ގާޒާ އިން 1،300 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލާފައިވާ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައު އިން ޝަހީދުންގެ އަދަދު ގުނުން ފިޔަވާ އިތުރު ކަމެއް ނުކުރާ ކަމަށެވެ.

އިޒްރޭލުން ކޮންމެ 15 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުކޮށްލަމުންދާއިރު ހަފްތާއެއްގެ ތެރޭގައި ފަލަސްތީނުގެ މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށް ނިކުމެފައިވާ ކަމަށް މާލިކީ ވިދާޅުވި އެވެ. އަދި އިޒްރޭލުން ރޭ ގާޒާގެ އަލް އަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަކީ ގަސްދުގައި ދިން ހަމަލާއެއް ކަމަށާއި މި ހަމަލާ ދިނުމުގެ ކުރިން އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް މީގެކުރިން އިޒްރޭލުން އިންޒާރު ދީފައިވާ ކަމަށްވެސް މާލިކީ ވިދާޅުވި އެވެ.

ގާޒާގެ ހޮސްޕިޓަލަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އިޒްރޭލުން އަންނަނީ މި ހަމަލާގެ ޒިންމާ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބޮލުގައި އަޅުވަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އިޒްރޭލަށް މިހާތަނަށް އެކަމުގައި އެއްވެސް ހެއްކެއް ދެއްކިފައެއް ނުވެ އެވެ.

އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ދުނިޔޭގެ އެކި ގައުމުތަކުން ކުށްވެރި ކުރަމުންދާއިރު އެގައުމާ ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންނަނީ އެއްވުންތައް ވެސް ބާއްވަމުންނެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.