Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ގާޒާ އަށް އެހީ ފޯރުކޮށް ދޭން ބޯޑަރު ހުޅުވަނީ

ފަލަސްތީނުގެ ގާޒާ އަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަފާހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލަން ނިންމައިފި އެވެ.

މިސްރުން ކޮންޓްރޯލް ކުރާ ރަފާހް ބޯޑަރަށް އެތައް ސަތޭކަ އުޅަނދެއް އެހީ ހިފައިގެން ޖަމާވެފައިވީ ނަމަވެސް އިޒްރޭލުން ވަނީ ބޯޑަރު ހުރަސްކޮށްފި ނަމަ ހަމަލާދޭނެ ކަމަށް ބުނެފަ އެވެ. ގާޒާ އަށް އެހީ ނުލިބި ލަސްވަމުންދާތީ ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ގާޒާ އަށް އެހީތެރިކަން ފޯރުކޮށްދޭން ރަފާހް ބޯޑަރު ވަގުތީ ގޮތުން ހުޅުވާލަން ނިންމީ އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި މިސްރުގެ ރައީސް އަބްދުލް ފައްތާހް އަލްސީސީއާ ދެމެދު ކުރެވުނު މަޝްވަރާތަކަށްފަހު އެވެ. އެގޮތުން މި މަޝްވަރާތަކަށްފަހު ގާޒާ އަށް ބޭނުންވާ އެހީ ފޯރުކޮށްދޭން 20 އުޅަނދަކަށް ބޯޑަރު ހުރަސްކުރަން ހުއްދަ ދޭން މިސްރުން ވަނީ ނިންމައިފި އެވެ.

ރަފާހް ބޯޑަރު ހުންނަ ސަރަހައްދަށް ދާދިފަހުން ވައިގެ ހަމަލާއެއް ދީފައިވާއިރު އެ ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށްފަހު އެ ބޯޑަރު ހުޅުވާލާނީ މާދަމާގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.