Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

ހުޅަނގުން ކުރާ ކަމަކީ އަލިފާނަށް ތެޔޮ އެޅުން

ހުޅަނގުގެ ގައުމުތަކުން ކުރާހާ ވެސް ކަމަކީ އަލިފާނަށް ތެޔޮ އެޅުން ކަމަށް ތުރުކީގެ ރައީސް ތައްޔިބް އުރުދުގާން ވިދާޅުވެއްޖެ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އުރުދުގާން ވިދާޅުވީ އިންސާނީ ހައްގުތަކާއި މިނިވަންކަމާއި ގުޅޭ ކަމެއް ކަމަށްވާނަމަ ހުޅަނގުގެ ގައުމުތަކުން ނުފޮރޮޅާ އެންމެ ގާކޮޅެއް ވެސް ނުބާއްވާ ކަމަށާއި ނަމަވެސް ފަލަސްތީނު މައްސަލައިގައި ހުޅަނގުން ކުރާހާ ވެސް ކަމަކީ އަލިފާނަށް ތެޔޮ އެޅުން ކަމަށެވެ.

އަދި އދ. ގެ ސެކިއުރިޓީ ކައުންސިލަށް ވެސް ޒިންމާ އޭގެ އެންމެ އެދެވޭ ގޮތެއްގައި އަދާނުކުރެވޭ ކަމަށާއި ފަލަސްތީނު ހަނގުރާމައާ ގުޅޭގޮތުން ހުޅަނގުގެ މީޑިއާތަކުން ވެސް ކަންކަން ގެނެސްދެމުން ދަނީ ވަކި އަތަކަށް ޖެހިގެން ތިބެ ކަމަށް ވެސް އުރުދުގާން ވިދާޅުވި އެވެ.

އުރުދުގާން މިހެން ވިދާޅުވި އިރު އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރުމުގެ ބަދަލުގައި އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުން އަންނަނީ އެގައުމަށް ތާއީދުކުރާކަން ހާމަކުރަމުންނެވެ. އެގޮތުން އިޒްރޭލަށް އޮތް ތާއީދު ދައްކާލަން އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ އިޒްރޭލަށް ވަޑައިގެންނެވިއިރު ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކް ވެސް އިޒްރޭލަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ. އަދި އިޒްރޭލުން ވަނީ ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފަ އެވެ.