Last Updated: July 17, 18:07
Saturday, July 18, 2026
ދުނިޔެ

އެމެރިކާ އިން ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީ

އެމެރިކާ އިން ފަލަސްތީނަށް 100 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ ފަލަސްތީނުގެ ގާޒާ އާއި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ރައްޔިތުންނަށް އެހީވުމުގެ ގޮތުން 100 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައިވާ ކަމަށާއި އިޒްރޭލާއި ހަމާސް ޖަމާއަތުގެ ހަނގުރާމައާ ގުޅިގެން ގެދޮރު ދޫކޮށް ދާންޖެހިފައިވާ މިލިއަނެއްހާ ފަލަސްތީނުގެ ރައްޔިތުންނަށް މި އެހީގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށެވެ.

އެމެރިކާ އިން މިފަދަ އެހީއެއް ދޭން ނިންމިކަން އިއުލާންކޮށްފައިވަނީ ފަލަސްތީނުގެ ގާޒާގެ އަލް އަހްލީ އަރަބް ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ދިން ވައިގެ ހަމަލާގައި 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެ، އެތައް ހާސް ބަޔަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ދަނޑިވަޅެއްގަ އެވެ. މި ހަމަލާގެ ޒިންމާ އިޒްރޭލުން އަޅުވާފައިވަނީ ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއްގެ ބޮލުގަ އެވެ.

ފަލަސްތީނަށް އެހީ ދިނުމަށް އެމެރިކާ އިން ނިންމިއިރު އެމެރިކާ އަކީ އިޒްރޭލުގެ ގާތް ބައިވެރިއެކެވެ. އެގޮތުން އެގައުމުން އަންނަނީ އިޒްރޭލަށް ހަނގުރާމައިގެ އާލާތްތައް ވެސް ފޯރުކޮށްދެމުންނެވެ.

ގާޒާގެ ހޮސްޕިޓަލަށް އިޒްރޭލުން ދިން ނުރައްކާތެރި ވައިގެ ހަމަލާ ދުނިޔޭގެ އެކި ގައުމުތަކުން ކުށްވެރިކުރަމުންދާއިރު އިޒްރޭލާ ދެކޮޅަށް މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގައި އަންނަނީ މުޒާހަރާތައް ވެސް ބާއްވަމުންނެވެ.