ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ދޭން ބޭނުންވާ ހިދުމަތްތައް ފުރިހަމަކޮށް ދިނުމަށްޓަކައި މަޖިލީހުގެ މެޖޯރިޓީ ޕީޕީއެމް/ޕީއެންސީ އަށް ލިބުން ވަރަށް މުހިއްމު ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއް ރަހީމް އަދުރޭ) ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީގައި އޭނަ ވިދާޅުވީ ސަރުކާރު ރަނގަޅަށް ހިންގުމަށްޓަކައި ކޮންމެހެން ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންވާ ކަމަށެވެ. އެހެންވެ އަންނަ އަހަރު ބާއްވާ މަޖިލިސް އިންތިބުގައި ވާދަކުރާ އިރު، އެންމެ ބޮޑު އަމާޒަކީ ވީހާ ވެސް ގިނަ ގޮނޑި ކާމިޔާބުކޮށް، މެޖޯރިޓީ ހޯދުން ކަމަށް ވިދާޅުވި އެވެ.
އަންނަ އަހަރު މަޖިލީހަށް ޖުމްލަ 93 މެމްބަރަކު އިންތިހާބު ކުރާނެ އެވެ. މިހާރު 87 މެމްބަރުން ތިއްބަވާ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެ ޕާޓީ އަށް ކުރިން ސުޕަ މެޖޯރިޓީ ވެސް އޮތެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބޮޑެތި އިސްލާހުތައް އެބަހުރި ކަމަށާއި އެކަން ކުރަން މަގުފަހިކުރަން ޖެހޭ ކަމަށެވެ.
"ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމުގައި އަޅުނގަޑުމެންނަށް މިހާތަނަށް ތަޖުރިބާކުރެވުނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބޮޑެތި އިސްލާހުތައް އެބަހުރި،" އޭނަ ވިދާޅުވި އެވެ. "ބަދަލުތައް އެބަހުރި. އެބަދަލުތައް ގެނެސްގެން ނޫނިއްޔާ އަޅުގަނޑުމެންނަށް މި ދެންނެވި އިސްލާހީ ޕްރޮގްރާމް އޭގެ އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ނުގެންދެވޭނެ ކަންތައްތަކެއް އެބަހުރި."
އަދުރޭ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނޫނީ ސުޕަ-މެޖޯރިޓީ އޮވެގެން ނޫނީ ގާނޫނުތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް ނުގެނެވޭނެ އެވެ.
"އެހެންވީމާ މި ހުރިހާ ކަމަށް ބަލާއި ރު ސަރުކާރު ހިންގާ ޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިގެން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ފޯރުކޮށް ދޭން ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދެވޭނީ." އޭނަ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ޕީޕީއެމުން 2013-2018 އަށް ވެރިކަންކުރި އިރު ވެސް މަޖިލީހުގެ މެޖޯރިޓީ ބޭނުންކުރީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތް ފޯރުކޮށް ދިނުމަށެވެ.