Last Updated: July 24, 10:29
Friday, July 24, 2026
މުނިފޫހިފިލުވުން

އާމިރު ޕްރޮޑިއުސްކުރާ ފިލްމެއް "ލޯބިވެރިޔާ" އަށް

ބޮލީވުޑްގެ ތަރި އާމިރު ޚާން މިހާރު "ހިތާވެގެން" އުޅޭ ކަމަށް އަޑުއަރާފައިވާ ޒުވާން ބަތަލާ ފާތިމާ ސަނާ ޝެއިހަށް އާމިރު ޕްރޮޑިއުސްކުރާ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ.

ޕިންކްވިލާ އިން ބުނީ ނަން އަދި އިއުލާން ނުކުރާ މި ފިލްމަކީ ލައިޓް-ހާޓެޑް ކޮމެޑީއެއް ޑްރާމާއެއް ކަމަށާއި ފިލްމުގެ ޑައިރެކްޓަރަކީ މިދިޔަ އަހަރު ރިލީޒްކުރި އާމިރުގެ "ލާލް ސިންގް ޗައްޑާ" ގެނެސްދިން އަދުވައިތު ޗަންދަން ކަމަށެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ތެރޭގައި ފަށަން ޕްލޭންކޮށްފައިވެ އެވެ.

އާމިރު، 58، ޕްރޮޑިއުސްކުރާ ފިލްމަކުން ފާތިމާ، 31 އަށް ފުރުސަތު ލިބުނު އިރު، އެ ދެ މީހުން އެކީގައި ދެ ފިލްމެއް ކުޅެފައިވެ އެވެ. އެއީ ފާތިމާގެ ބައްޕަގެ ރޯލު އާމިރު ކުޅުނު 2016 ގެ "ޑަންގަލް" ގެ އިތުރުން 2018 ގެ "ތަގްސް އޮފް ހިންދުސްތާން" އެވެ.

އާމިރާއި ފާތިމާ އަޅުވާކިޔުމުގެ ވާހަކަ މީޑިއާތަކުގައި ވަރަށް ބޮޑަށް ދެކެވުނަސް އެކަމާ ބެހޭ ގޮތުން އެ ދެ މީހުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި އާމިރުގެ ދެވަނަ ކައިވެނި 2021 ގައި ރޫޅައިލުމާ އެކީ އެންމެ ބޮޑަށް އެރި އެއް އަޑަކީ އޭނަ ވަރަށް އަވަހަށް ފާތިމާއާ ކައިވެނި ކުރާނެ ވާހަކަ އެވެ. ފާތިމާ އާއި އާމިރުގެ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮވެ އެވެ. ހާއްސަކޮށް އާމިރުގެ އަންހެން ދަރިފުޅު އިރާ ޚާން، 26، އާއި ފާތިމާ އަކީ ގާތް ދެ އެކުވެރިންނެވެ.

ފާތިމާގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި "ދަކް ދަކް" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 1 ގައި ގެނެސްދޭ ވިކީ ކޯޝަލްގެ "ސޭމް ބަހާދޫރް" އެވެ.