އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް މިއަދު އިޒްރޭލަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ޕަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އެތަކެއް ޖަރީމާތަކެއް ހިންގަމުންދާ ޔަހޫދިންގެ ގާތަށް އިނގިރޭސި ބޮޑުވަޒީރު ވަޑައިގަންނަވާ އިރު، އެ މީހުންނަށް ވާގިދޭ ހުޅަނގުގެ މޭސްތިރިންގެ ތެރޭގައި ހިމެނޭ އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެސް މި ވަގުތު ހުންނެވީ އިޒްރޭލްގަ އެވެ. އޭނަ އެތަނަށް ވަޑައިގަތީ އިއްޔެ އެވެ.
މީޑިއާތަކުން ބުނީ ރިޝީ އިޒްރޭލަށް ކުރައްވާ ދަތުރުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ރައީސް އިސާކް ހަރްޒޯގްއާ ވެސް ބައްދަލުކުރައްވާނެ ކަމަށެވެ.
މި މަހުގެ 7 އިން ފެށިގެން އިޒްރޭލުގެ އަނިޔާވެރިކަން ހައްދުން ނައްޓާފައިވާ އިރު، އިއްޔެ ރޭ ވަނީ ގާޒާގެ ހޮސްޕިޓަލަކަށް ވެސް ހަމަލާދީ ޕަލަސްތީނުގެ އެތައް ބަޔަކު ޝަހީދުކޮށްފަ އެވެ. އެ ހަމަލާއާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނެއްގައި އާންމުންނަށް ހަމަލާތައް ދިނުން ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ. އަދި ހަމާސްގެ ސަބަބުން އިޒްރޭލުގެ އެތައް ބަޔަކު ވެސް ވަކިވެ ގޮސްފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
ހަމާސް ޖަމާއަތުން މި މަހުގެ 7 ގައި އިޒްރޭލަށް ދިން ވަރުގަދަ ހަމަލަތަކާ ގުޅިގެން އިޒްރޭލުގެ އެންމެ ބޮޑު އަމާޒަކަށް މިހާރު ވެފައި އޮތީ ފަލަސްތީނު ނައްތައިލުމެވެ.
މި ޖަރީމާތަކާ ގުޅިގެން އިޒްރޭލާ ދެކޮޅަށް އެތައް ގައުމެއްގައި މިހާރު އަންނަނީ މުޒާހަރާކޮށް އަޑު އުފުލަމުންނެވެ.