Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

ކްލޫނީގެ ފަލިޖަހާ ފިލްމު ޑިސެމްބަރުގައި

ފަލިޖެހުމުގެ މުބާރާތެއްގައި ވާދަކުރާ ޓީމެއްގެ މަސައްކަތް ދައްކުވައި ދޭން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ ޑައިރެކްޓްކުރި އާ ފިލްމު "ދަ ބޯއިސް އިން ދަ ބޯޓް" ޓްރެއިލާ ދައްކާލައިފި އެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ގައި ބެލުންތެރިންނަށް ދޫކޮށްލާ މި ފިލްމަކީ ލިޔުންތެރިޔާ މާކް އެލް ސުމިތު ހަމަ އެ ނަމުގައި 2013 ގައި ގެނެސްދިން ވާހަކަ އަށް ބިނާކޮށް ހަދާފައިވާ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއެކެވެ. ފިލްމުގެ ސްކްރީންޕްލޭ ވެސް ލިޔުނީ އޭނަ އެވެ.

"ދަ ބޯއިސް އިން ދަ ބޯޓް" ގައި ދައްކުވައި ދޭނީ ޖަރުމަންގެ ބާލިންގައި 1963 ގައި ބޭއްވި ސަމަ އޮލިމްޕިިކްސްގައި އެމެރިކާގެ ވޮޝިންޓަން ޔުނިވަސިޓީގެ ދަރިވަރުންގެ ޓީމެއް ފަލިޖެހުމުން ރަން މެޑެލް ހޯދަން ކުރާ މަސައްކަތެވެ. ބޮޑު ކާސްޓެއް ހިމެނޭގެ ފިލްމުގެ ތަރިންގެ ތެރޭގައި ކެލަމް ޓާނާ، ޖޮއެލް އެގާޓަން، ޖެކް މަލްހާން އަދި ސޭމް ސްޓްރައިކް ހިމެނެ އެވެ.

"ދަ ބޯއިސް އިން ދަ ބޯޓް" ބެލުންތެރިންްނަށް ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިރު، ކްލޫނީ އެންމެ ފަހުން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމަކީ 2021 ގެ "ދަ ޓެންޑަ ބާ" އެވެ. ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގަނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި އަމާލް ކްލޫނީގެ ފިރިމީހާގެ "ދަ ބޯއިސް އިން ދަ ބޯޓް" އަކީ އޭނަ ޑައިރެކްޓްކުރި 9 ވަނަ ފިލްމެވެ.

ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ކްލޫނީ، 62، ގެ އެންމެ ފަހުން ފެނިފައި ވަނީ ޖޫލިއާ ރޮބަޓްސްއާ އެކީ މިދިޔަ އަހަރުގެ ރޮމޭންޓިކް ކޮމެޑީ "ޓިކެޓް ޓު ޕެރަޑައިސް" އިންނެވެ. އަދި މިދިޔަ ޖޫންގައި ރިލީޒްކުރި ސުޕަހީރޯ ފިލްމު "ދަ ފްލޭޝް" ގެ ހާއްސަ ފެނިލުމެއްގައި އޭނަ ހިމެނެ އެވެ.