Last Updated: July 24, 06:25
Friday, July 24, 2026
މުނިފޫހިފިލުވުން

ޓައިގާ އަކީ ވެސް ފުލުހެއް

ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިންގަމް އެގެއިން" ގައި ޓައިގާ ޝްރޮފް ވެސް ފުލުހެއްގެ ރޯލުން ފެންނާނެކަން މިއަދު ކަށަވަރުކޮށް ދީފި އެވެ.

އެގޮތުން އޭނަގެ ފަސްޓްލުކް ޕޯސްޓަރުތަކެއް މިއަދު ވަނީ ދައްކާލައިފަ އެވެ. "ސިންގަމް އެގެއިން" ވާނީ ބޮލީވުޑްގެ މިހާރު އެންމެ ވަރުގަދަ ޒުވާން އެކްޝަން ހީރޯގެ ގޮތުގައި ލޭބަލްވެފައިވާ ޓައިގާ، ރޯހިތުގެ ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރަށެވެ. އޭނަގެ ކޮޕް ޔުނިވާސްގައި ހިމެނޭ މި ފިލްމަކީ އަޖޭ ދޭވްގަން ލީޑްކުރާ އެއްޗެކެވެ.

އޭނަގެ ވަރުގަދަ ފުލުސް ކެރެކްޓާ ސިންގަމްއާ އެކީ އަންނަ ތިން ވަނަ ފިލްމުގެ ފުލުހެއްގެ ރޯލުން މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯން ވެސް ފެންނާނެ އެވެ. އޭނަގެ ފަސްޓްލުކް ވެސް ކުރިން ވަނީ ދައްކާލައިފަ އެވެ.

ޝޫޓިން މިހާރު ބާރަށް ކުރިއަށްދާ "ސިންގަމް އެގެއިން" ގެ ރޯލެއް ޓައިގާ ކުޅޭ އިރު، މާދަމާގެ އޭނަގެ އާ ފިލްމު "ގަނަޕަތު" ސިނަމާތަކަށް އަންނާނެ އެވެ. ވިކާސް ބާލް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ޑިސްޓޯޕިއަން އެކްޝަން ފިލްމެކެވެ.

އަންނަ އަހަރުގެ އޮގަސްޓް މެދު ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭން ހަމަޖެހިފައިވާ "ސިންގަމް ގެއިން" ގެ ކާސްޓްގައި ކަރީނާ ކަޕޫރްގެ އިތުރުން ހާއްސަ ފެނިލުންތަކުގައި ދީޕިކާގެ ފިރިމީހާ، ރަންވީރު ސިންގް އާއި އަކްޝޭ ކުމާރު ވެސް ހިމެނޭނެ އެވެ. ރަންވީރަކީ ކޮޕް ޔުނިވާސްގެ 2018 ގެ ފިލްމު "ސިމްބާ" ގެ ބަތަލެވެ. އަކްޝޭ އަކީ ކޮޕް ޔުނިވާސްގެ 2021 ގެ "ސޫރިއަވަންޝީ" ގެ ބަތަލެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން ކަޕޫރެވެ. އެހެންވެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަނީ އެކަން ރޯހިތުގެ ޓީމުން އިއުލާން ކުރާނެ އިރަކަށެވެ.