މި އަހަރުގެ އެންމެ ކާމިިޔާބު ބޮލީވުޑް ފިލްމުތަކުގެ ތެރޭގައި ހިމެނޭ އަޔޫޝްމަން ކްރާނާގެ "ޑްރީމް ގާލް 2" މާދަމާ ނެޓްފްލިކްސް އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށް، ރާޖް ޝާންޑަލިޔާ ލިޔެ، ޑައިރެކްޓްކުރި މި ކޮމެޑީ ޑްރާމާ އަކީ އޮގަސްޓް 25 ގައި ރިލީޒްކުރި ފިލްމެކެވެ. އެންމެ 35 ކްރޯޑް ރުޕީސް (4.2 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހެދި "ޑްރީމް ގާލް 2" އަށް ބޮކްސް އޮފީހުގައި 140.26 ކްރޯޑް ރުޕީސް (17 މިލިއަން ޑޮލަރު) ލިބިފައިވެ އެވެ.
މި ފިލްމަކީ އަޔޫޝްމަނާ އެކީ ރާޖް 2019 ގައި ގެނެސްދިން "ޑްރީމް ގާލް" ގެ ސީކްއެލް އެވެ. މީގައި އަޔޫޝްމަން ކުޅެފައި ވަނީ އަޑުން ވާހަކަ ދައްކައިގެން ޕޫޖާގެ ނަމުގައި އެތައް ބަޔަކު އޭނަގެ ޖާދޫގައި ޖައްސައި، އަދި އެކަމުގެ ސަބަބުން ދިމާވާ ހެއްވާ މަޖާ ރޯލެކެވެ.
"ޑްރީމް ގާލް 2" ގެ ކާސްޓްގައި އަނަންޔާ ޕާންޑޭ، އައްނީ ކަޕޫރް، ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް، އާސްރާނީ، މަނޯޖް ޖޯޝީ، ސީމާ ޕަހްވާ އަދި އަބީޝެކް ބެނަޖީ ހިމެނެ އެވެ.