އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ރަޝިއާ އިން 27 ޓަނުގެ އެހީ ފޮނުވަން ނިންމައިފި އެވެ.
ރަޝިއާގެ އެމަޖެންސީ މިނިސްޓްރީން ބުނީ މި އެހީ ދިނުމަށް ނިންމީ ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ އިރުޝާދުގެ ދަށުން ކަމަށާއި މި އެހީގެ ތަކެތީގެ ތެރޭގައި ހަނޑޫ، ފުށް އަދި ހަކުރު ފަދަ ތަކެތި ހިމެނޭ ކަމަށެވެ.
މި ތަކެތި ފަލަސްތީނުގެ ގާޒާ އަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިސްރުގެ ރެޑް ކްރެސެންޓް މެދުވެރިކޮށް ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އިޒްރޭލުން ފަލަސްތީނަށް ވައިގެ ހަމަލާތައް ދޭން ފެށީ މި މަހުގެ 7 ވަނަ ދުވަހު ފަލަސްތީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން އެގައުމަށް ދިން ހަމަލާތަކަކާ ގުޅިގެންނެވެ. އެއާއެކު އިޒްރޭލުން ފަލަސްތީނާއި ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވާއިރު އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުން 3،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެތެރެއިން 60 ޕަސެންޓް މީހުންނަކީ ކުޑަކުދިންނާއި އަންހެނުންނެވެ.
އިޒްރޭލުން ގާޒާ އަށް ކަރަންޓާއި ފެން ދިނުން ހުއްޓާލުމުގެ އިތުރަށް ކާއެއްޗިއްސާއި ތެޔޮ އެތެރެކުރުން ވެސް ހުއްޓާލާފައިވާއިރު ގާޒާ އަށް ބޭނުންވާ އަސާސީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރަފާހް ބޯޑަރު ވަގުތީ ގޮތުން މިއަދު ހުޅުވާލަން ވަނީ ނިންމާފަ އެވެ. އެގޮތުން ގާޒާ އަށް ބޭނުންވާ އެހީ ފޯރުކޮށްދޭން 20 އުޅަނދަކަށް ބޯޑަރު ހުރަސްކުރަން ހުއްދަ ދޭން މިސްރުން ވަނީ ނިންމައިފި އެވެ.