އިންޑިއާގެ ބަތަލާ ޝިލްޕާ ޝެޓީ އާއި ފިރިމީހާ ރާޖް ކުންދުރާ ވަރިވެފައިވާކަމުގެ އިޝާރާތެއް ދީފި އެވެ.
އެކްސްގައި ރާޖް ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އަހަރެމެން ވަކިވެއްޖެއިން" ކަމަށާއި "މި އުނދަގޫ ދަނޑިވަޅުގައި އެ މީހުންނަށް އަމިއްލަ ވަގުތު ބޭނުންވާ" ކަމަށެވެ.
ނަމަވެސް ރާޖްގެ މި ޕޯސްޓާ ގުޅިގެން ޝިލްޕާ މިހާތަނަށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެ ދެ މީހުން ކައިވެނިކުރީ 2009 ގަ އެވެ. އަދި ކައިވެންޏަށް ދެ ދަރިން ވެސް ލިބިފައިވެ އެވެ.
We have separated and kindly request you to give us time during this difficult period 🙏💔
— Raj Kundra (@onlyrajkundra) October 19, 2023
ޝިލްޕާއާ "ވަރިވެފައިވާ" ކަމުގެ އިޝާރާތެއް ރާޖް ދީފައި މި ވަނީ އޭނަގެ މައްޗަށް 2021 ގައި ކުރެވުނު ބަރަހަނާ ފިލްމުތައް ހަދައި، އާމްދަނީ ހޯދާކަމުގެ ތުހުމަތުތަކާ ގުޅިގެން ދެ މަހެއްހާ ދުވަހު ޖަލުގައި ހޭދަކުރި ދުވަސްތަކަށް ބިނާކޮށް ހެދި ފިލްމު "ޔޫޓީ 69" ގެ އަންނަ މަހުގެ 3 ގައި ރިލީޒްކުރަން ނިންމައި އިއްޔެ އޭގެ ޓްރެއިލާ ވެސް އިއްޔެ އާންމުކޮށްފައި ވަނިކޮށެވެ.
އެ ޓްރެއިލާ ޝިލްޕާގެ ސޯޝަލް މިޑިއާ އެކައުންޓްތަކުގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ރާޖަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭރު މީޑިއާތަކުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ފިރިމީހާ ގާތުން ޝިލްޕާ ވަރިވާން ނިންމިކަމުގެ އަޑުތަކެއް ވަރަށް ގަދައަށް އެރި އެވެ. އެކަމަކު މިހާތަނަށް ފާހަގަކުރެވުނީ ފިރިމީހާއާ އެކީގައި ޝިލްޕާ ހުރިހާ ވަގިތެއްގައި ވެސް ހުރި ކަމެވެ.